ފުލުހުން ސ. ހުޅުދޫއާއި ޅ. ކުރެންދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ސ. ހުޅުދޫގައި ހިންގި އޮޕަރޭޝަނާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެ ރަށު ތޯތާޕަރީ، އުމުރުން 47 އަހަރުގެ އިކުރާމެވެ. ފުލުހުން ބުނި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ. ކުރެންދޫގައި ވެސް ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ. ކުރެންދޫ ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެ ރަށު ދިލާސާގެ، އުމުރުން 29 އަހަރުގެ އިބްރާހީމް ޒާހީ ސުލައިމާނެވެ.

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 26 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.01 ގުރާމެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.