ރިސޯޓުތަކުގެ އާމްދަނީގެ 40 ޕަސަންޓު މާރުނުކޮށް، ހިސާބުކިތާބު އޮޅުވާލަން ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ބައެއް ބިލްތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރިސޯޓަކަށްވެސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދީފައި ހަރަދުތައް ހަމަޖެއްސުމަށް ފަހުވެސް 40 ޕަސަންޓު މާރުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން އާމްދަނީ ނުލިބޭ ކަމަށް ހިސާބުކިތާބު ހަދާނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް މަކަރު ހެދުމަށް ފުރުސަތު ނޯންނާނެ ކަމަށެވެ.

"މީގެ ކުރިން ދުވަސްތަކެއްގައި ހުރެދާނެ ރާއްޖޭގައި މަކަރު ހަދައިގެން ސަލާމަތްވެވިފައި. އެކަމަށް ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިޔަކު އަންނަ ހިސާބުން އޭނާ ފުރުމާ ހަމައަށް ހިނގި ކަންކަން އެނގޭނެ ނިޒާމު އެއްމަސް ފަހުން ގާއިމުކުރާނެ ކަމަށެވެ.

"ރާއްޖެއަށް ޓޫރިސްޓަކު އަންނަ ހިސާބުން އޭނަ ދިޔަތަނާއި އޭނަ ނިދީ ކޮންތަނެއްގައި ކަމާއި އޭނަ ފުރައިފިކަމާ އެނގޭނެ ނިޒާމު އެއްމަސް ފަހުން ރަސްމީކޮށް ސިސްޓަމްގެ ތެރެއިން ފެންނަން ހުންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހެއް ތަފާތު ނުކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހައްގު ހޯދުމުގައި ވަކި ބަޔަކު މުއްސަނދިވެފައި ވަކި ބަޔަކު ނިކަމެތިވާން ނުޖެހޭނެ ކަމަށެވެ.