ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުން މި މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި ބިލާއެކު މިހާތަނަށް ފަޅާއި ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރަމުން އައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވުނީއެވެ. އާ ގާނޫނުގައިވާގޮތުން ކުރިންވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ، އިގްތިސާދީ އަދި އިޖުތިމާއީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާއްސަ ބޭނުންތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާއީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ، އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ، އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.
މި ގާނޫނުގައިވާގޮތުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕުތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.
ފަޅުތައް ކުއްޔަށް ދެވޭނީ، ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިގްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗާއާއި އެއާ ގުޅުން ހުރި މަސައްކަތްތަކަށެވެ.
އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ގާނޫނުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ. އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅުއްވާނީ މާލީ ކަންކަމާބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ގާނޫނުގެ ދަށުން ވަރުވާއަށް ދެވޭނީ، ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެކެވެ. ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ، ގިނަވެގެން ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރު ކުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ގާނޫނާ ހިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގާނޫނު ވުޖޫދުވިއިރު ކުރީގެ ގާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށްރަށާއި، ފަޅުތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ އެއްބަސްވުން ސައްހަވާނެއެވެ. ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި އާ ގާނޫނުގައިވާ ހުރިހާ ކަމެއް އެ އެއްބަސްވުންތަކަށްވެސް ހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ކޮމެންޓް