އީރާނުގެ ލާރަކް ޖަޒީރާގައި ހުރި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ދެ ރޮކެޓް ލޯންޗަރަކަށް އެމެރިކާގެ ސިފައިން ހަމަލާދީފިއެވެ.

ނަން ހާމަނުކުރާ ފަރާތަކާ ހަވާލާދީ އަލްޖަޒިރާއިން ރިޕޯޓުކޮށްފައިވާގޮތުގައި، އެމެރިކާއިން މި ހަމަލާތައް ދިނީ ހޮރުމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް ކަނޑުގެ މައިން ހަރުކޮށްފައިވާ ރޮކެޓްތަކެއް ފޮނުވާލުމަށް އައިއާރްޖީސީން ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު، އައިއާރްއައިބީ މެދުވެރިކޮށް އައިއާރްޖީސީން ބުނީ، އެމެރިކާއިން ދިން ހަމަލާގައި އީރާނުގެ ބައެއް ހަނގުރާމަވެރިންނާއި އާންމުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް، ގެއްލުންވި މީހުންގެ ސީދާ އަދަދެއް އެ ޖަމާއަތުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، އައިއާރްޖީސީން ވަނީ މި ހަމަލާގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށްވެސް އެ ޖަމާއަތުން ވަނީ އިންޒާރުދީފައެވެ.