އިސްލާމީ ޔުނިވަސިޓީން ކުރިއަށްގެންދާ 11 ވަނަ އިންޓާނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް، (އައިސީއައިއޭ) ފަށައިފި އެވެ.

އައިސީއައިއޭއަކީ، އެކި ދާއިރާތަކުން ކޮށްފައިވާ ދިރާސާތަކާ ހޯދުންތަކުގެ އިލްމު ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ހިއްސާކުރުމުގެ މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ.

އިސްލާމިކް ޔުނިވަސިޓީގައި ކުރިޔަށްގެންދާ އައިސީއައިއޭގެ މި މަހާސިންތާ ކުރިޔަށްގެންދަނީ 18 ގައުމެއްގެ 53 ފަރާތެއް ހިމެނޭހެން ދެ ދުވަހުގެ މުއްދަތަށެވެ. މި އަހަރުގެ އައިސީއައިއޭގެ ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ޕެރެލަލް ރޫމްތަކުގައި ކުރިއަށްގެންދަނީ އިލްމީ އަދި ސަގާފީ ގޮތުން ގިނަ ޕްރޮގްރާމްތަކާ އެކުގައެވެ.

މިއަހަރުގެ ކޮންފަރެންސްގައި 526 މީހުން ރަޖިސްޓްރީވެފައިވާއިރު، ހާޒިރުވެގެން 344 މީހުންނާއި އޮންލައިންކޮށް 182 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އެ ކޮންފަރެންސަށް 167 ކަރުދާސް ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ބަލައިގަނެފައިވަނީ، 139 ކަރުދާހެވެ. ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ދިވެހި 85 ކަރުދާހާއި، ބައިނަލްއަގުވާމީ 83 ކަރުދާސް ހިމެނެއެވެ.

އެ ކޮންފަރެންސް ފެށުމުގެ ކުރިން މުހިންމު 10 މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކޮންމެ ދަންފަޅިއެއްގައި ގާތްގަނޑަކަށް 40 އާއި 80 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ވަނީ ބައިވެރިވެފައެވެ.

30 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ ކޮންފަރެންންސް --- ފޮޓޯ: އައިޔޫއެމް

10 ވޯކްޝޮޕްގެ ތަފްސީލު:

  • މަތީ ތައުލީމުގައި އާޓިފިޝަލް އިންޓެލިޖެންސް އަހުލާގީ މިންގަނޑުތަކާއެކު ބޭނުންކުރުން / ނަންގަވައިދެއްވީ: ޑރ. މާކް ޖޯސެފް ޑީ ޕާސްޓޯ
  • އެޑްވާންސްޑް އެކަޑެމިކް ރައިޓިން އަދި ފެންވަރު ރަނގަޅު ރިސާޗް ކަރުދާސް އެކުލަވާލުން / ނަންގަވައިދެއްވީ: ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ސްކޯޕްސް އަދި ހައި-އިމްޕެކްޓް ޖާނަލްތަކުގައި ދިރާސާ ޝާއިއުކުރުމުގެ އުކުޅުތައް/ ނަންގަވައިދެއްވީ: ޑރ. ވިސާލް މޫސާ
  • ދިރާސާ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ސައްހަކަން ކަށަވަރުކުރުން/ ނަންގަވައިދެއްވީ: ޑރ. މުހައްމަދު ސާހިލު
  • ދިވެހި ބަހުގެ ހަވާލާދޭ އުސޫލު/ ނަންގަވައިދެއްވީ: ޝަފީނާޒް ނާސިރު
  • މެތޮޑޮލޮޖިކަލް ފިއުޝަން: ތަފާތު ދިރާސާ އުސޫލުތައް އެއްކޮށްގެން ފެންވަރު މަތިކުރުން/ ނަންގަވައިދެއްވީ: ޑރ. އާއިޝަތު ޝީނާ
  • މާހިރުންގެ ކުރިއެރުމަށާއި މުއައްސަސާތައް ތަރައްގީކުރުމަށް އެކްޝަން ރިސާޗް/ ނަންގަވައިދެއްވީ: ޑރ. ސުޖީވާ ޕޮލްގަމްޕަލާ (ސްރީލަންކާ)
  • ދިރާސާ ކުރުމަށް ބޭނުންކުރާ އޭއައި ޓޫލްސްތައް/ ނަންގަވައިދެއްވީ: ޑރ. މަރިޔަމް ޝަރީފާ އަދި ޑރ. ނަސްރުއްﷲ އަހްމަދު
  • ސްމާޓް-ޕީއެލްއެސް ބޭނުންކޮށްގެން އެޑްވާންސްޑް ތަފާސްހިސާބު އެނަލިސިސް ހެދުން/ ނަންގަވައިދެއްވީ: ޑރ. ޒުބައިރު ހަސަން
  • ތައުލީމީ ދިރާސާތަކަށް ކޮލިޓޭޓިވް ޑޭޓާ އެއްކުރުމުގެ އުސޫލުތައް/ ނަންގަވައިދެއްވީ: އަބްދުލް ވަލީ ހާން އަދި ޑރ. ނަސީމާ ޝަކީލް (ޕާކިސްތާން)
30 އޮގަސްޓް 2026، މާލެ، އައިޔޫއެމް އައިސީއައިއޭ ކޮންފަރެންންސް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"މިފަދަ އިލްމީ ވޯކްޝޮޕްތަކުގެ ސަބަބުން ދިރާސާވެރިންނާއި ދަރިވަރުންގެ ދިރާސީ ގާބިލުކަމާއި ހުނަރުތައް އިތުރުވަމުންދާނެކަން ޔަގީން. ހާއްސަކޮށް އޭއައި (AI) ގެ ޒަމާނީ ޓޫލްސްތައް އަހުލާގީ މިންގަނޑުތަކުގެ ތެރޭގައި އެކަޑެމިކް މަސައްކަތްތަކަށް ބޭނުންކުރާނެ ގޮތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޖާނަލްތަކުގައި ދިރާސާ ޝާއިއުކުރުމަށް ބޭނުންވާ މުހިންމު އުކުޅުތައް އަމަލީގޮތުން ދަސްވެގެންދޭ. އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، އިލްމީ ގުޅުންތައް ބަދަހިވެ، އަމިއްލަ ދިރާސާތަކުގެ ފެންވަރު މަތިކޮށް، ދިރާސީ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު މަގުފަހިކަމެއް ލިބިގެންދާނެ." މި މަހާސިންތާއާ ގުޅޭގޮތުން އައިޔޫއެމްއިން ބުންޏެވެ.

އައިސީއައިއޭ (ICIA) ކޮންފަރެންސް އަކީ ރާއްޖޭގައާއި ސަރަހައްދީ ފެންވަރުގައި އިލްމީ ދިރާސާގެ މާހައުލު ކުރިއަރުވައި، ދިރާސާވެރިން އެއްފުރާޅެއްގެ ދަށަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މުހިންމު ހަރަކާތެކެވެ.

އެންމެ ދުވަހެއްގެ ތެރޭގައި 450 އަށްވުރެ ގިނަ ބައިވެރިންނާއެކު 10 ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ މި ކޮންފަރެންސްގެ ފުޅާމިނާއި މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންގެ އިލްމާއި ތަޖުރިބާ ދިވެހި ދިރާސާވެރިންނަށް ފޯރުކޮށްދީ، ދިވެހިބަހުންނާއި އިނގިރޭސިބަހުން ތަފާތު ދާއިރާތަކުގެ ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އައިސީއައިއޭ އިން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެެއް ކަމަށް އައިޔޫއެމްއިން ބުންޏެވެ.

އައިސީއައިއޭ 2026ގެ ރަސްމީ ކޮންފަރެންސް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ދުވަހެއްގެ ކާމިޔާބީތައް މިވަނީ އާ އުސްމިންތަކަކަށް ގެންދެވިފައި ކަމަށްވެސް އެ ޔުނިވާސިޓިން ބުންޏެވެ.