ފުވައްމުލަކުގަ ސިޓީގައި ސައިކަލެއްގައި ޖައްސައި އެކްސިޑެންޓުކޮށްލުމަށް ފަހު މަޑުނުކޮށް ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ އިރުއޮއްސި 6:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކާރު ދުއްވި 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށްބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ކޮމެންޓް