ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 ކަމަށް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.

އެމްއޯސީން "ވަން ސްޕޯޓްސް"އަށް ބުނީ ރާއްޖޭން މިފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެ ކަމަށެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނޭނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.

އަންނަ މަހު 19 އިން އޮކްޓޯބަރު ހަތަރަކަށް ކުރިއަށްދާ ގޭމްސްގައި ޖުމުލަ 11،000 އެތުލީޓުންނާއި 6،000 އޮފިޝަލުން ފެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އޭޝިއަން ގޭމްސްއަކީ އޮލިމްޕިކްސްއަށްފަހު ބާއްވާ އެންމެ ބޮޑު މަލްޓި ސްޕޯޓްސް ކުޅިވަރު އިވެންޓެވެ.

މިފަހަރު ގޭމްސްގެ އެކޮމޮޑޭޝަނަށް ކަންބޮޑުވުންތަކެއް ކުރިން އޮތް ނަމަވެސް، ގޭމްސް އޮގަނައިޒިން ކޮމިޓީއާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ބުނެފައި ވަނީ މިހާރު އެކަމަށް ހައްލު ހޯދިއްޖެ ކަމަށެވެ.

ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓްވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގައެވެ. ރާއްޖޭގެ ބާކީ ކުޅިވަރުތަކުގެ އެތުލީޓުން ތިބޭނީ ނަގޯޔާގައެވެ.

ގޭމްސް އޮގަނައިޒް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ފުރަތަމަ އަންދާޒާ ކުރީ 15،000 މީހުންނަށް ނަމަވެސް، އެ އަދަދު އިތުރުވުމުން އޮކޮމޮޑޭޝަންގެ އިންތިޒާމުތަކާ ދޭތެރޭ އޮތީ ސުވާލު އުފެދިފައެވެ.

އެ މައްސަލައަށް މިހާރު ހައްލު ހޯދާފައިވާ އިރު، އެކޮމޮޑޭޝަން ހަމަޖައްސަން އައިޗީ-ނަގޯޔާގެ އޮގަނައިޒިން ކޮމިޓީން ނިންމާފައި ވަނީ ބައެއް ހޮޓެލްތަކުގެ އިތުރުން ވަގުތީ ލަކުޑި އެކޮމޮޑޭޝަންގައާއި ބަނދަރުކޮށްފައި ބާއްވާ ކޮސްޓާ ސެރޭނާ ކްރޫސް ޝިޕްގައެވެ. ކުރިން ގޭމްސްތަކުގައި ފެނިގެންދާ އެތުލީޓްސް ވިލެޖެއް ނުހަދަން ޖަޕާނުން ކުރިން އޮތީ ނިންމައިފައެވެ. ކްރޫސް ޝިޕްގައިވެސް 5،000 އެއްހާ މީހުން ތިބޭނެ ކަމަށް ބެލެވެއެވެ.

އޭޝިއަން ގޭމްސް އެންމެފަހުން ބާއްވާފައި ވަނީ 2023 ވަނަ އަހަރު ޗައިނާގެ ހަންޒޯގައެވެ. އެއީ ފުރަތަމަ 2022 ވަނަ އަހަރު ބާއްވަން އޮތް ގޭމްސްއެކެވެ. ގޭމްސް ފަސްކުރީ ކޮވިޑް 19 ގެ ސަބަބުންނެވެ.