އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން މޮޅުވެއްޖެއެވެ.
ސިޓީން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ޕެލެސް ބަލިކުރީ 4-1 އިންނެވެ. މެޗަށް ނުކުތްއިރު ސިޓީ އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އާ ކޯޗު އެންޒޯ މަރެސްކާއާއެކު ސީޒަން ހުޅުވަން އާސެނަލާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ސިޓީ ބޮޑު ތަފާތަކުން ބަލިކޮށްފައިވާ އިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި ބޯންމައުތު ކައިރިން މޮޅުވީ ހަނި ގޮތަކަށެވެ.
ސިޓީން ރޭ ލީގުގައި ދެވަނަ މޮޅެއް ހޯދި އިރު، އެޓީމުން ވަނީ މެޗު ޑޮމިނޭޓް ކޮށް ކުޅެފައެވެ. ކުރީކޮޅުގައިވެސް ހަމަލާތައް އުފައްދާފައިވާ އިރު، ފިލް ފޮޑެންއަށް ކުރީކޮޅުގައި ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން އެޓީމަށް ނުކުރެވުނެވެ.
ހަމަލާތައް އިތުރުކުރަމުން ދިޔަ ސިޓީން 17 ވަނަ މިނެޓުގައި ލީޑު ނެގީ އާލިން ހާލަންޑް ބޮލުން ޖެހި ގޯލުންނެވެ. އެންޓޮއިން ސެމެންޔޯ ނަގައިދިން ހުރަސް އޭނާ ގޯލަށް ވައްދާލީ ބޮލުންނެވެ.
ޕެލެސްއިން ކައުންޓާ އެޓޭކްގައި ކޮންމެވެސް ވަރަކަށް ނުރައްކާކުރި ނަމަވެސް ދެވަނަ ހާފާ ހަމައަށްވެސް ސިޓީން މެޗު ޑޮމިނޭޓް ކުރިއެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ރަޔަން ޗާކީ ސިޓީގެ ދެވަނަ ގޯލް ޖަހައިދިނެވެ.
އެ ގޯލާއެކު ސިޓީން ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް، ޕެލެސްއިން ދެ މިނެޓް ފަހުން ގޯލެއް ޖެހިއެވެ. އެ ގޯލަކީ ޕެލަސްގެ ސްޕެއިން މިޑްފީލްޑަރު ޔެރެމީ ޕީނޯ ފޮނުވާލި ހިލޭ ޖެހުމެއް ގޯލު ދަނޑީގައި ޖެހިފައި، ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ ގައިގައި ޖެހިފައި ވަން ގޯލެކެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ސިޓީ ކޮޅަށް ވަން ގޯލާއެކު ޕެލެސްއަށް އުންމީދެއް ލިބުނު ނަމަވެސް، ޗާކީ ވަނީ 59 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލް ޖަހައި ސިޓީއަށް މޮޅު ޔަގީން ކޮށްދީފައެވެ. އެ ގޯލާއެކު ސިޓީން ހަމަޖެހިލައިގެން ކުޅެމުން ގޮސް، 84 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ގޯލާއެކު ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް