ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ގާނޫނު ބަދަލުކޮށް ފާސްކޮށްފައިވާ ބިލާ ދެކޮޅަށް ރިސޯޓްތަކުން ތެދުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވައިލެއްވި ގޮވާލެއްވުމަކީ ކުށަކަށް އަރައިގަތުމަށް ދައުވަތު ދިނުންކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކް ސިޓީގައި ރޭ ޔާމީންގެ ޕާޓީ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ، 40 ޕަސެންޓް ޑޮލަރު މާރުކުރަން ލާޒިމުކުރުމަކީ ހަމައެކަނި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެކޮޅު ހަދަންވީ ކަމެއް ނޫން ކަމަށެވެ. ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ފުރަތަމަ ދަތިވާނީ ޓޫރިޒަމް ސިނާއަތަށް ކަމަށާއި ހުރިހާ ރިސޯޓަކުންވެސް ކެރިގެން ތިބެ ދެކޮޅު ހަދަންޖެހޭ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގޮވައިލެއްވުމަކީ ސީދާ "ކުށަކަށް ދައުވަތު ދިނުން" ކަމަށެވެ. ރާއްޖޭގެ ގާނޫނަކާ ހިލާފުވާން ވިދާޅުވުން ކަމަށް ސިފަކުރައްވަމުން، ޔާމީންގެ "ދަހިވެތިކަމާއި ހަސަދަވެރިކަން" ހާމަވާ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ފަހަކަށް އައިސް ޔާމީން، އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ކުރަމުންގެންދަވާ މަސައްކަތުން ހާމަވަނީ ޔާމީން ދައްކަވާ ވާހަކަ އާއި ކުރައްވާ އަމަލާ ދިމާނުވުން ކަމަށެވެ.
"މިއަދު ވެސް ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި، އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެ ނަމަ، ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލަށް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭނެއެވެ. އެ އިސްލާހު މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ. އެ އުސޫލަށް މިއަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހޭނެއެވެ.
މަޓީއިން ވަނީ އެ ބަދަލާ ދެކޮޅު ހަދާފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިސޯޓްތަކުން ތެލާއި މުސާރަ، ސާވިސް ޗާޖް، ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ކުލި، އަދި ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަންޖެހޭ ކަމަށާއި، ވީމާ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަކީ ޓޫރިޒަމް ސިނާއަތަށް ތަހައްމަލު ކުރެވޭނެ ވަރުގެކަމެއް ނޫން ކަމަށެވެ.
ނަމަވެސް، ބައެއް ރިސޯޓް އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތު ކޮށްފައިވެއެވެ. މަޓީއިން ބުނެފައިވަނީ އެފަދަ ކަމެއްގެ މައުލޫމާތު ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށާއި، ހުރިހާ ރިސޯޓް އޮޕަރޭޓަރުންވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ބާރު އަޅާ ކަމަށެވެ.
ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ދަނޑިވަޅެއްގައި ފާސްކުރި އެ ބިލާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ފާއިތުވި މަހުގެ ނިޔަލަށް އެމްއެމްއޭ އަށް މާރުކުރި ޑޮލަރުގެ 56 ޕަސެންޓް ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށެވެ.
މުހައްމަދު އިޝާން
އިބްރާހިމް ފަލާހު
ކޮމެންޓް