މިހާރުވެސް ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ޖޯސޭ މޮރީނިއޯ ކުރިން އެ ކްލަބަށް އިރުޝާދު ދިން އިރު އެޓީމަށް ކުޅުނު ހޯސޭ ރޮޑްރިގޭޒް، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އޮޑި ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ކުރިން ސްޕެއިންގެ ޒުވާން ޓީމުތަކަށް ކުޅެ، 2013 ވަނަ އަހަރު ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމުން ޔޫރޯގައި ކުޅުނުއިރު އެޓީމުގެ ކެޕްޓަންކަންވެސް ކުރި ރޮޑްރިގޭޒް އޮޑިއަށް ސޮއިކުރަން ރާއްޖެ އައިސްފައިވާކަން މިއަދު އެކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ.
އުމުރުން 31 އަހަރުގެ ރޮޑްރިގޭޒްއަކީ ސްޕެނިޝް ލަ ލީގާގައި 2012 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލުން ކުޅުނު މެޑްރިޑް ޑާބީގައިވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލްގެ ޒުވާން ޓީމަށްވެސް ކުޅެ، އެކްލަބުގެ ބީ ޓީމަށްވެސް ކުޅެފައެވެ. ރެއާލްގައި މޮރީނިއޯގެ ދަށުން ކުޅުނު ރޮޑްރިގޭޒް ވަނީ ފަހުން ސްޕެއިންގެ ފުރަތަމަ ޑިވިޝަނުގައި ޑެޕޮޓިވޯ ލަ ކަރޫނިއާއަށްވެސް ލޯނެއްގައި ކުޅެފައެވެ.
ރެއާލަށް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް 2012 ވަނަ އަހަރު ރޮޑްރިގޭޒް ހޯދި އިރު، އޭރު އޭނާގެ އުމުރަކީ 17 އަހަރާއި 354 ދުވަހެވެ. އަޔެކްސްއާ ދެކޮޅަށް ރޮޑްރިގޭޒް އެމެޗުގައި ނުކުތީ ކަކާގެ ބަދަލުގައެވެ.
އޭގެފަހުން ތުރުކީގެ ވަރުގަދަ ގަލަޓަސަރާއީއަށްވެސް އޭނާ ކުޅެފައިވާ އިރު، ޖަރުމަނު ފުރަތަމަ ޑިވިޝަނުގެ މައިންޒަށްވެސް ރޮޑްރިގޭޒް ކުޅުނެވެ. ގަލަޓަސަރާއީއާއެކު އޭނާ ވަނީ ތުރުކީ ކަޕް ހޯދައިފައެވެ. 2017 ވަނަ އަހަރު މަލާގާއާއެކު ސްޕެއިންގެ ފުރަތަމަ ޑިވިޝަނުގައި ކުޅެ، އޭގެފަހުން އިޒްރޭލް ލީގުގެ މެކަބީ ތެލް އަވީވާއި ހަޕޮއެލް ތެލް އަވީވަށްވެސް ރޮޑްރިގޭޒް ކުޅެފައިވާ އިރު، މަކަބީ ހައިފާއާއެކު ދެފަހަރަށް ލީގު ހޯދައި، ކަޕް ވެސް ހޯދިއެވެ.
އެންމެ ފަހުން އަލްބޭނިއާގެ ފްލަމުރްތާރީ އެފްސީއަށް ކުޅުނު ރޮޑްރިގޭޒް ވަނީ ތުރުކީގެ އަޑާނާ ޑެމިރްސްޕޯރާއި ބެލްޖިއަމްގެ ޔޫނިއަން އެސްޖީއާއި ނެދަލޭންޑްސްގެ ފޯޓުނާ ސިޓާޑަށްވެސް ކުޅެފައެވެ.
އޮޑިން ފުރަތަމަ ޑިވިޝަނުގެ ދެވަނަ ސީޒަނަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ފުރަތަމަ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
އޮޑި ސްޕޯޓްސް ކްލަބު
ކޮމެންޓް