ގައުމީ ތަރައްގީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށާއި ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް 200 ބައިވެރިންނާއެކު މިއަދު ވަނީ ނިންމާލައިފައެވެ. ރެހެންދި ސްކޫލުގައި މިއަދު ހަވީރު ބޭއްވި ނިންމުމުގެ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މެޑަމް ސާޖިދާއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގައުމީ ތަރައްގީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އަދި ގައުމެއް ބިނާކޮށް ތަރައްގީކުރުމުގައި އަންހެނުންގެ ގާބިލުކަން އިތުރުކުރުމަކީ ތަރައްގީގެ ބިންގަލަށްވުމުގެ އިތުރުން، އެއީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލުކަމުގައިވެސް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުންނަކީ ގައުމުގެ އިޖުތިމާއީ ހަށިގަނޑުގެ އެއްބައި ކަމަށާއި، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައާއި ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ. ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި، ވިސްނުންތެރިކަމުގެ އިތުރުން މަސައްކަތްތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފަތަކެއްކަން ފާހަގަކުރައްވައި، އެކަމަށް މަގުތައް ތަނަވަސްވެ ފުރުސަތުތައް ފަހިވާނެ މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ މަގާމަށް އަލިއަޅުއްވާލައްވަމުން، އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދީފައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވައި، މުޖުތަމައު ގަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ހުލްގުހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން، އިސްލާމީ ތާރީހުން އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ފެންނަން އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތާރީހަށް ބަލާއިރު ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއް ކަމުގައި ވިދާޅުވެ، އެކަމުގެ މިސާލުތައް ހިއްސާކުރެއްވިއެވެ.
ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މިފަދަ ޕްރޮގްރާމްތަކަކީ ތާރީހީ ފުރުސަތެއްކަމުގައިވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމާއި ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ފަންނީ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ 2023 ވަނަ އަހަރު ބޭއްވި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި މިއަހަރު އިތުރަށް ފުޅާކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެވެ.
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
ކޮމެންޓް