ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުނެ ފުލުހުން އަންނަނީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވަނީ މި މަހުގެ ދިހަވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ކަންކަން އޮޅުވާލި ކަމަށް ކުރާ ތުހުމަތު މޭޔަރު ސައުދު ވަނީ ދޮގުކުރައްވައިފައެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ކުރަން އެދުނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީއަށްވެސް ހުށަހަޅުއްވައިފައެވެ.
މެންބަރު ސައުދުﷲ ތުހުމަތު ކުރައްވާފައިވާ ގޮތުގައި ތިނަދޫގެ އާބާދީގައި ގާނޫނުގައިވާ އަދަދަށް މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.
ތިނަދޫ ސިޓީއެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.
އަލީ ޔާމިން
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ކޮމެންޓް