އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާންމުކުރި "ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓު" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ފުޓްބޯލް އެސޯސިއޭޝަންގެ މައްޗަށް ސީރީއަސް ތުހުމަތެއް އަމާޒުވާ ގޮތަށް ހިމަނާފައިވާ ބައި، އިސްލާހުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އޭސީސީން އެހެން ބުނެފައި ވަނީ އެ ރިޕޯޓާ ގުޅިގެން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭސީސީން ރިޕޯޓުގައި ބުނެފައި ވަނީ ކުޅިވަރަކީ ބިލިއަނުން ޑޮލަރު އިންވެސްޓްކޮށް، ގިނަ ބައެއްގެ މަސްލަހަތާއި ވިޔަފާރިތައް އެކުލެވިގެންވާ ބޮޑު ސިނާއަތަކަށް ވުމާއެކު، އެ ދާއިރާގައި ކޮރަޕްޝަނާއި ރާވައިގެން ހިންގާ ބޮޑެތި މާލީ ކުށްތައް އިތުރުވަމުންދާ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުޅިވަރު ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާނެ ފަރާތްތައް މަދުވުމާއި، ގާނޫނުން އެ ޒިންމާ ވަކި އިދާރާއަކާ މަތިނުކޮށް އޮތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

މީގެ އިތުރުން މެޗުތަކުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ރެފްރީންނާއި ކުޅުންތެރިންނަށް ރިޝްވަތު ދިނުމާއި، ޓްރާންސްފާ މާކެޓުގައި ނުބައްދަލު އަދަދުތަކުން ކިކްބެކްސް ނެގުމާއި، ސްޕޮންސާޝިޕް އަދި މީޑިއާ ރައިޓްސް ދިނުމުގައި ރިޝްވަތުގެ އަމަލުތައް ހިނގަމުންދާކަން އޭސީސީގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޫކުރެވިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށާއި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ފައިސާ އެކިއެކި ކްލަބްތަކުގެ އިސްވެރިންނަށް ދޭ ކަމަށެވެ.

އެކަމުގައި އޭސީސީއާ އޮލިމްޕިކް ކޮމިޓީން ބައްދަލުކުރިކަމަށް މައުލޫމާތު ލިބިފައިވާ އިރު، އެކަމުގައި ، މޯލްޑިވްސް އޮލިޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި އޭސީސީ ސުވާލުވެސް ކުރިމަތިވެފައިވެއެވެ. އެ ސުވާލުގައި އޭސީސީގެ ރައީސް، އާދަމް ޝާމިލް އަށް ދަންނަވާފައިވަނީ، ހުށަހެޅުނު މައްސަލަ ބަލައި އެޅި ފިޔަވަޅު ސާފު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ނޫސްވެރިންގެ ބަައްދަލުވުމުގައި އޭސީސީގެ ޑިރެކްޓާ ޖެނެރަލް، ފާތިމަތު އިބްނާ ބުނެފައި ވަނީ އޭސީސީން ނެރުނީ ތަހުގީގު ރިޕޯޓެއް ނޫން ކަމަށާއި، އެއީ ދިރާސާ ރިޕޯޓެއް ކަމަށެވެ. އަދި އެއީ ތަފާތު ދެ ވައްތަރެއްގެ ރިޕޯޓެއް ކަމަށް އޭސީސީން ބުނެފައިވާ އިރު، ދިރާސާ ރިޕޯޓްގެ މަގުސަދަކީ ވެސް ނިޒާމްތައް ހަރުދަނާކުރުމަށް އިސްލާހުކުރުން ކަމަށް އޭސީސީން ފާހަގަކުރިއެވެ. އިބްނާ ބުނެފައި ވަނީ ރިޕޯޓްގެ މައްސަލަތަކުގެ ބައިގައި، އޮލިމްޕިކް ކޮމިޓީގެ ނަން ގެނެވިފައި އޮތް ގޮތުމުގެ ޝަކުވާއެއް އޭސީސީއަށް ލިބުނު ކަމަށެވެ.

އިބްނާ ފާހަގަކުރީ ޕްރޮބްލަމް ސްޓޭޓްމަންޓްގައި އޮލިމްޕިކް ކޮމިޓީގެ ނަން ގެނެވިފައި އޮތީ ކޮމިޝަންގެ ރެކޯޑްތަކުން އެފަދަ ޝަކުވާއެއް އައިސްފައި އޮތުމުން ކަމަށާއި، އެކަން ފަހުން ބެލި އިރު، އެއީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއްގެ ގޮތުގައި ނިންމާފައި އޮތް މައްސަލައެއް ކަމަށެވެ.

"އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިމަ މިހާރު އަޅުގަނޑުމެން އެކަން ބެލިއިރުގައި އަޅުގަނޑުމެންނަށް ފާހަގަމިވަނީ އެ މައްސަލަ އަކީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއްގެ ގޮތުގައި ނިންމާފައި އޮތް މައްސަލައެއް. އެއާ އެކީގައި، މިމައްސަލައާ ގުޅިގެން އެއްވެސް އިދާރާ އަކަށް ޕީޖީ އޮފީސް ހިމެނޭހެން އަޅުގަނޑުމެން އަންގާފައި ވެސް ނުވާކަން، އެކަން އެނގުމާ އެކީ އަޅުގަނޑުމެން، ރިޕޯޓް އިސްލާހުކޮށް، އިސްލާހާ އެކީގައި ޝާއިއުކޮށްފައިވާނީ އަޅުގަނޑުމެންގެ ވެބްސައިޓްގައި،" އިބްނާ ބުންޏެވެ.

އޭސީސީގެ ވެބްސައިޓްގަައި މިހާރު އެބައި ރިޕޯޓުން އިސްލާހުކޮށްފައެވެ. އެގޮތުން، މިހާރު އޮތް ދިރާސާ ރިޕޯޓްގެ އެ ބައިގައި އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ ނަންވެސް ހިމަނާފައިނުވެއެވެ.

އޭސީސީގެ ރިސާޗް އެންޑް ޕޮލިސީ ސެކްޝަނުން ދެ އަހަރެއްހާ ދުވަހުން ތައްޔާރުކުރި ރިޕޯޓަކީ ޑެސްކް ރިިވިއު ހަދައިގެން އެކުލަވާލި ރިޕޯޓެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ރިޕޯޓް އެކުލަވާލުމުގައި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް އަދި އޮޑިޓް ރިޕޯޓްތަކުން މައުުލޫމާތު އެއްކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާ އިރު، ރިޕޯޓަށް މައުލޫމާތު އެއްކުރުމަށްޓަކައި، ފޯކަސް ގްރޫޕް އިންޓަވިއު ކުރެވުނު ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.