އަމީނީމަގުގެ ސެގްމަންޓް އެކެއްގެ ސަބްގްރޭޑް މަރާމާތުގެ 90 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އަމީނީ މަގުގެ ސެގްމަންޓް އެކެއްގެ ބާކީ ހުރި މަސައްކަތް މިއަދު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
"އެއަށްފަހު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތް ފަށާނަން،" އެމްޓީސީސީން ބުންޏެވެ.
އަމީނީމަގުގެ ހަލާކުވެފައިވާ ބައިތައް މަރާމާތު ކުރުމަށްޓަކައި އެ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްތައް އެމްޓީސީސީން ފެށީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާކުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމި އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ މި ސަރަހައްދު މިހާރު ވަނީ ބައެއް ހިސާބުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެފައިވާ އިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން މަގު ހަލާކުވެފައި ވަނީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް، ބަރު އުޅަނދުތައް ދުއްވުމުންނެވެ.
މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިމަހުގެ ދެވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
މި ބަދަލާއެކު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް، އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބަސް ހުއްޓިތަކަށް މި ރޫޓުގެ ބަސްތައް މަޑު ނުކުރާނެއެވެ. އަދި އަމީނީމަގު ސެގްމަންޓް-1ގެ މަސައްކަތް ނިމެންދެން ރޫޓް-11ގެ ބަހުގެ ހިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށާއި ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި ކަނޑައަޅާފައިވަނީ މާފަންނު ބަސް ޓާމިނަލް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް