ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓުންނާމެދު ނުވިސްނަވާ ކަމަށާއި، އެ މަނިކުފާނުގެ ވިސްނުން ހުރީ ވައުދުތައް ފުއްދުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑު ނުވެސް ވިސްނަން އެ ބޭފުޅުން އެކުރާ ކަމަކަށް. އަޅުގަނޑު މި ވިސްނަނީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމާއިގެން ކުރިއަށް ދެވޭނެ ގޮތެއް" ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލުކުރެވެމުންދާ ކަމަށެވެ. އެ މަސައްކަތުގައި މިނިސްޓަރުން، މަޖިލިސް މެންބަރުން، ސަރުކާރު ކުންފުނިތަކުގެ ވެރިން އަދި އާންމު ރައްޔިތުންނާއެކު ދާނީ ކުރިއަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ފުރަތަަމަ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ވިދާޅުވި ކަންކަން ތަންފީޒު ކުރުމުގައި އެއްވެސް ވަރަަކަށް އަމާޒު ކަސިޔާރުވެފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ހާރިޖީ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިއްހީ ދާއިރާ އަދި އެހެނިހެން ދާއިރާތަކުން ވެވަޑައިގެންނެވި ވައުދުތައް ފުދެމުންދާ ކަމަށާއި، މިވަގުތު ވިސްނުން ހުރީ ހަމައެކަނި އެކަންކަމަށް ރައީސް ވިދާޅުވިއެވެ.