ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކައުންސިލުތަކުން އެ ކުރަނީ އެއްވެސް ވަރަކަށް ޒިންމާދާރު މަސައްކަތެއް ނޫން ކަމަށާއި، އެއީ ޕްރޮފެޝަނަލް ނޫން ގޮތަކަށް ސިޔާސީ ވިސްނުން އިސްކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބަލަނީ މާލޭގައްޔާއި އަދި ރަށްރަށުގައި ވެސް ކައުންސިލްތައް މެދުވެރިކޮށް، އެހީތެރިކަން ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
"އެކަން މި ފެންނަނީ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ހިޔާލުތަފާތު ކައުންސިލްތަކުން ހަމަ އެއްގޮތަކަށްވެސް މީ ޒިންމާދަރު ގޮތަކަށް ނޫން ވަރަށް އަންޕްރެފެޝިނަލްކޮށް ސިޔާސީ ވިސްނުން އިސްކުރާތަން. އެއްގޮތަކަށްވެސް ރައްޔިތުން ކުރިއަކަށް ނުނެރޭ. އެ މީހުންގެ ސިޔާސީ ވިސްނުން ކުރިއަށް ނެރެގެން ކަންކަމަށް ހުރަސް އަޅަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކައުންސިލްތަކުން އަމަލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ލަސްތަކާއި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް އަންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ގަބޫލުކުރައްވައި، އެތައް އަހަރެއް ވަންދެން ތަފާތު އެކި ހައިސިއްޔަތުތަކުން އެ ނިޒާމު ތަންފީޒުކުރަން އަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރަންޖެހޭ ގޮތާއި، ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން އެންމެ ފުރިހަމައަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ އުޒުރެއް ނެތް މިއިން އެއްވެސް ކައުންސިލަކަށް ދެއްކޭނެ އަޅުގަނޑަކަށް، ސަރުކާރަކަށް ތިމަންނަމެން މިހެންނޭ މިކަން ކުރާނީ. އަޅުގަނޑަށް އެނގޭ ހަމަ އިން އެންޑް އައުޓް ލާމަރުކަޒީ ނިޒާމުން ކުރެވިދާނެ ކަންކަމާ ނުކުރެވިދާނެ ކަންކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާތީ އެކަމަށް ބަލަން ސަރުކާރަށް ނުތިބެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން މަޑުޖައްސައިނުލައި، އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެހެން މަގުތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް