ކުކުޅުބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ނޫން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ ބައެއް ފިހާތަކަށް ކުކުޅުބިސް ނުލިބޭ ކަމަށްބުނެ ބައެއް ފިހާރަތަކުން މީހަކަށް ބިސް ޓްރޭއެއްގެ މަގުން ވިއްކާ އިރު، ބައެއް ފިހާރަތަކުން މީހަކަށް 20 ބިިސް ނުވަތަ 10 ބިހެއް ވެސް ވިއްކަމުންދެއެވެ.

މިކަމާ ގުޅިގެން އެސްޓީއޯ މީޑިއާއިން މިއަދު "ވަން"އަށް ބުނީ ބޭނުންވާ ވަރަށް އެސްޓީއޯގައި ކުކުޅުބިސް ލިބެން ހުރި ކަމަށެވެ. އަދި އެސްޓީއޯއިން ބިސް ވިއްކަނީ ކޮންޓްރޯލްކޮށްގެން ނޫން ކަމަށެވެ.

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، ބާޒާރަށް ނެރެ 15 އޮކްޓޯބަރު 2025 ގައި ވަނީ ވިއްކަން ފަށައިފައެވެ.

އޭގެ އިތުރުން އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލްޓްރީ ފާމިން (ކުކުޅު އާލާކުރުން) ގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯ ހެޑް އޮފީހުގައި 11 ސެޕްޓެމްބަރު 2025 ގައި ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލްޓްރީ ފާމިން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.

އެ ވިސްނުންފުޅުގެ ދަށުން އެސްޓީއޯއިން ރާއްޖެއިން ކުކުޅާއި ކުކުޅުބިސް ރައްޔިތުންނަށް ކޭޓާ ކުރާވަރަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައިވެސް ފާޓައިލް ރަނގަޅު ބިމެއް (މުޑުވަށް ރަނގަޅު ބިން) ނަގައިގެން (ކުއްޔަށް ނުވަތަ ގަނެގެން) އެސްޓީއޯއިން ދުރުރާސްތާގައި ފުޑް ސެކިއުރިޓީ ޔަގިންކުރާނެ ކަމަށެވެ. މިއީވެސް ސަރުކާރުގެ އަމާޒުތައް ހާސިލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކުރަން ގަސްތުކުރާ ކަންކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.