ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސް ކައިރީގައި ތީމް ޕާކުތަކެއް ތަރައްގީކުރަން ސައުދީ އަރަބިއްޔާއިން 7 ބިލިއަން ޑޮލަރު (6 ބިލިއަން ޔޫރޯ) އިންވެސްޓުކުރުމުގެ އެއްބަސްވުމެއްގައި އެ ދެ ގައުމުން ސޮއިކޮށްފިއެވެ.

ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުގެ ދަށުން ޕެރިހުގެ ހުޅަނގު އުތުރުން 30 ކިލޯމީޓަރު ދުރުގައި އޮންނަ ސާޖީ-ޕޮންޓޮއިސް ސަރަހައްދުގައި ތިން ތީމް ޕާކެއް ތަރައްގީކުރާނެއެވެ.

މި އެއްބަސްވުމުގައި ފަރަންސޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ވަޒީރު ރޯލަންޑް ލެސްކިއޯއެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ކިއްދިޔާގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ އަލް ދާއޫދުއެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާނެ އާ މަންޒިލަކަށް ވެގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން 22،000 ވަޒީފާ އުފެދޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މެކްރޯންގެ މުޝީރަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ތިން ޕާކުގެ ތެރެއިން އެއް ޕާކު ހާއްސަކުރާނީ ޖަޕާނުގެ މަޝްހޫރު ކާޓޫނު ސިލްސިލާ “ޑްރެގަން ބޯލް ޒެޑް” އަށެވެ. އޭނާ ބުނި ގޮތުގައި މި ހިޔާލު އުފެދުނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު މެކްރޯން ރިޔާޒަށް ކުރެއްވި ދަތުރުފުޅެއްގައި، ދެ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކެއްގެ ތެރެއިންނެވެ. އަނެއް ދެ ޕާކުގެ ތީމް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަރަންސޭސި ރިޔާސީ ގަނޑުވަރުން ބުނި ގޮތުގައި، މި ޕާކުތައް ތަރައްގީކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތަށް އެތައް އަހަރެއް ނަގާނެ ކަމަށް ލަފާކުރެވޭއިރު، ޕާކުތައް ހުޅުވާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.