ހަމައެކަނި ފެން ބޮއިގެން 15 ދުވަސް ވާންދެން ރޯދައަށް ހުރި ޗައިނާގެ 31 އަހަރުގެ އަންހެނަކަށް ސިކުނޑީގެ ނުރައްކާތެރި ބައްޔެއް ޖެހިއްޖެއެވެ.

ހެނާން ޕްރޮވިންސަށް ނިސްބަތްވާ މި އަންހެންމީހާ އަމަލުކޮށްފައިވަނީ “ބިގޫ” ނަމަކަށް ކިޔާ ޓާއޯއިސްޓުންގެ ސަގާފީ ރޯދަހިފުމުގެ އާދައަކަށެވެ. މިއީ ގޮވާމުގެ ބާވަތްތަކާ ދުރުހެލިވެ، ހަމައެކަނި ހަކަތައިގެ މައްޗަށް ބަރޯސާވެގެން ދިރިއުޅުމަށް ބާރުއަޅާ އާދައެކެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްކޮޅުގައި 160 ސެންޓިމީޓަރު ހުންނަ މި އަންހެންމީހާ ރޯދަހިފަން ފެށިއިރު ބަރުދަނުގައި 70 ކިލޯ ހުއްޓެވެ. ނަމަވެސް 15 ދުވަހުގެ ތެރޭގައި އޭނާގެ ބަރުދަނުން 20 ކިލޯ ވަނީ ލުއިވެފައެވެ.

ޒެންގްޒޫ ޔުނިވަސިޓީގެ ފަސްޓް އެފިލިއޭޓެޑް ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ސުން ގުއިފަންގް ބުނި ގޮތުގައި، އެ އަންހެންމީހާއަށް ޖެހިފައިވަނީ ވިޓަމިންއާއި ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ދިމާވާ ސިކުނޑީގެ ބައްޔެއް ކަމަށްވާ ވާނިކްސް އެންސެފަލޯޕަތީ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އޮޅުންއެރުމާއި، ހިނގާއިރު ބެލެންސް ގެއްލުމާއި، ލޮލުގެ ހަރަކާތްތަކަށް ބަދަލުއައުމުގެ އިތުރުން ހަނދާން ނެތުން ހިމެނެއެވެ.

ޑޮކްޓަރު ސުން ފާހަގަކުރި ގޮތުގައި، އެ އަންހެންމީހާ ހިނގާއިރު ފެންނަނީ ޕެންގުއިންއެއް ހިނގާ ގޮތަށެވެ. އަދި މިއީ ދާއިމީ ނުކުޅެދުންތެރިކަމަކަށް ވެދާނެ ކަމުގެ އިންޒާރު އޭނާ ދިނެވެ.

މިޒަމާނުގެ ސިއްހީ މާހިރުން ލަފާދެނީ ހަކުރާއި ސަރުބީ މަދު އަދި ޕްރޮޓީން ގިނަ ކާނާ ކެއުމަށް ކަމަށް ވިޔަސް، ބަރުދަން ލުއިކުރުމަށާއި ހަށިގަނޑު ސާފުކުރުމަށް ބިގޫއަކީ ރަނގަޅު ގޮތެއް ކަމަށް ޗައިނާގެ ބައެއް މީހުން އަދިވެސް ގަބޫލުކުރެއެވެ. ނަމަވެސް މިފަދަ ހަރުކަށި އާދަތަކުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތައް ދިމާވެ، ބައެއް މީހުން މަރުވެފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާލަތު މެދުވެރިވީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބޭ ފަދަ ހަރުކަށި ޑައިޓެއް ކުރުމުން ކަމަށް ޑޮކްޓަރު ބުންޏެވެ.