ފުވައްމުލަކު ސިޓީގައި މިހާތަނަށް ބޭއްވި، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ދިގުވާނޑޮ ހޯދައިފިއެވެ.
ޖުމުލަ 10 ޓީމާއެކު މިއަހަރު ކުރިއަށް ގެންދިޔަ ބޮޑުބެ ޗެލެންޖް ވެގެން ގޮސްފައި ވަނީ ފޯރިގަދަ، ތަފާތު މުބާރާތަކަށެވެ. ރޭގެ ފައިނަލް މެޗުން ވެސް އެ ފޯރި ފެނިގެން ގޮސްފައިވާ އިރު، ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އޮތީ ގޯލެއް ނުޖެހި 0-0 އިން އެއްވަރު ވެފައެވެ.
އެ ނަތީޖާއާ އެކު މެޗު ޕެނަލްޓީއަށް ގޮސް، ދިގުވާނޑޮ އިން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީގައި ދިގުވާނޑޮއަށް ތަފާތު ދެއްކީ އެޓީމުގެ ކީޕަރު ޒައިދާން އަހުމަދެވެ. ޒައިދާން ވަނީ ސާމިން މުހައްމަދު ނަސީރާއި އިބްރާހީމް އަރީޝްގެ އިތުރުން އަލީ މާއިސް (މައްޓު) ޖެހި ޕެނަލްޓީތައް މަތަކޮށްފައެވެ.
ދަޑިމަގަށް ކާމިޔާބު ކުރެވުނު ހަމައެކަނި ޕެނަލްޓީއަކީ މުހައްމަދު ސާދު ނިޒާރު ޖެހި ޕެނަލްޓީއެވެ.
ދިގުވާނޑޮއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަލީ ޝިޔާހު (ޝިޔާ) އާއި އަބްދުالله އާހިލް އަލީގެ އިތުރުން އަހުމަދު އިނާން (ބަޓޫކް)އެވެ. އެޓީމަށް ނާކާމިޔާބުވީ ކެޕްޓަން މުޙައްމަދު ވިޝާހު ޖެހި ޕެނަލްޓީއެވެ. އެޕެނަލްޓީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) މަތަކުރިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ދިގުވާނޑޮގެ ޝިޔާ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިގުވާނޑޮގެ ވިޝާހު، ކީޕަރު ޒައިދާން، އައްޔަނި ސްޕޯޓްސް ކްލަބުގެ އަލީ ޝަމާލް އަބްދުﷲ، ދަޑިމަގުގެ ސާމިންގެ އިތުރުން އަހުމަދު ހަމީދު (އަންމަޑޭ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސާމިންއެވެ.
ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް