ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ފައިނަލަށް އައްޔަނި އެސްސީއާއި ހޯދަޑު ސްޕޯޓްސް ކްލަބު ދަތުރު ކޮށްފިއެވެ.

ފުވައްމުލަކު ސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދެވަނަ އެޑިޝަނުގެ ސެމީ ފައިނަލް ދެމެޗުވެސް ކުޅުނީ ރޭގައެވެ. އައްޔަނި އެސްސީން ގަލޯނާ ސްޕޯޓްސް ކްލަބު ކައިރިން 5-1 އިން މޮޅުވި އިރު، އަނެއް ސެމީ ފައިނަލް މެޗުގައި ޔުނައިޓެޑް ދިގުވާންޑޯ، ހޯދަޑު ކައިރިން ބަލިވީ 1-0 އިންނެވެ.

އައްޔަނި އެސްސީން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ގެ އިތުރުން އަބްދުﷲ ރަޝީދާއި މުހައްމަދު އިމްރާން ގެ އިތުރުން ޝަނާން ރަޝާދު ގޯލްތައް ޖެހި އިރު، ޝަނާން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ގަލޯނާގެ ހަމައެކަނި ގޯލް ޖެހީ ނައުފް މުހައްމަދު ޖަލީލެވެ.

ހޯދަޑުން ފައިނަލަށް ދިޔަ މެޗުގައި އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ އަހުމަދު އަފްލާޒެވެ.

މިދިޔަ އަހަރު ބޮޑުބެ ޗެލެންޖް، ހަމައެކަނި ފުވައްމުލަކުގެ ޓީމުތަކަށް ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރު މުޅި ރާއްޖެއަށް އެ ފުރުސަތު ހުޅުވާލީ ގަވާއިދަށްވެސް ބަދަލަކާއެކުގައެވެ. އެގޮތުން ބައިވެރިވާ ޓީމުގައި ހިމެނެން ވާނީ އެ ބައިވެރިވާ ޖަމިއްޔާ ޖަމާއަތެއް ނިސްބަތްވާ ރަށަށް ނިސްބަތްވާ ކުޅުންތެރިން ކަމަށް ކަނޑައަޅާފައިވާ އިރު، އޭގެ ތެރޭގައި ރަށުން ބޭރު ދެކުޅުންތެރިން ޖެހުމަށް ފުރުސަތު ދީފައިވެއެވެ. އަދި އެ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ރާއްޖޭން ބޭރުގެ ކުޅުންތެރިޔަކަށްވުން އެއީ މައްސަލައެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ. ފައިނަލް މެޗު އޮންނާނީ މާދަމާ ރޭގައެވެ.