އިންޑިއާގެ ނިއުދިއްލީގައި އަންނަ މަހު ބާއްވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބޮޑު ވަފުދަކާއެކު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ޝީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، ސެޕްޓެމްބަރު 12 އިން 13 އަށް ބާއްވާ މި ސަމިޓަށް ޝީ ވަޑައިގަންނަވާނީ ގާތްގަނޑަކަށް 400 އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދަކާއެކުއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޝީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ 200 އަށްވުރެ މަދު އޮފިޝަލުންނެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނީ، ބްރިކްސް ސަމިޓު އިންޑިއާއިން ހޯސްޓުކުރުމަށް ޗައިނާއިން ތާއީދުކުރާ ކަމަށެވެ. ނަމަވެސް ޝީގެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ވެސް މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ދަތުރުފުޅަކީ 2020 ވަނަ އަހަރު ދެ ގައުމުގެ ސަރަހައްދީ އިމުގައި ހިނގި ކުރިމަތިލުންތަކަށް ފަހު، ގުޅުން ރަނގަޅުކުރުމަށް ދެ ގައުމުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް މަސްދަރުތަކުން ފާހަގަކުރެއެވެ. އެ ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވެފައިވެއެވެ. އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު އަންނަނީ ޝީގެ ދަތުރުފުޅަށް ހޮޓާތަކާއި ސަލާމަތީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.