ރާއްޖޭގެ ގައުމީ ތަރައްގީއަށާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، އދ. ގެ 16 އިދާރާއެއްގެ އެހީތެރިކަން ލިބޭ ގޮތަށް އެކުލަވާލި ފަސް އަހަރުގެ ހާއްސަ އޮނިގަނޑެއްގައި ދިވެހި ސަރުކާރާއި އދ. އިން ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު "ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް" ގެ ނަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގްއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ އެއްބަސްވުމަކީ 2027 އިން 2031 އަށް އދ. ގެ ތަރައްގީގެ ނިޒާމުގެ ތެރެއިން އެކުލަވާލެވުނު އެންމެ މަތީ ފަންތީގެ އިސްތިރާޖީ އަދި ތަންފީޒީ އޮނިގަނޑު ކަމަށެވެ. އެ އޮނިގަނޑު އެކުލަވާލާފައިވަނީ ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިވެރިން އަދި އެކަޑެމިކް ދާއިރާ ހިމެނޭހެން ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައިކަމަށް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިރުތިޝާމް ވިދާޅުވީ، ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ވިޔަސް، އިންސާނީ ވަސީލަތާއި އުމްރާނީ ތަރައްގީގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. އަދި މިއީ ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، 2031 ގައި ފެންނަން އޮންނާނެ ކުރިއެރުމަކީ މިއަދު ފެށޭ މަސައްކަތުގެ ނަތީޖާ ކަމަށާއި، މިކަމުގައި އެންމެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްގެ ހާރިޖީ ސިޔާސަތު ކަމަށެވެ.
އދ. ގެ މަންދޫބު ހާއޯ ޖަންގް ވިދާޅުވީ، ރާއްޖެއާއި އދ. ގެ ގުޅުމަށް 60 އަހަރު ފުރޭ މި ދަނޑިވަޅުގައި އެކުލަވާލި މި އާ އޮނިގަނޑުގައި މައިގަނޑު ތިން ދާއިރާއަކަށް އިސްކަންދީފައިވާނެ ކަމަށެވެ. އެއީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އިތުރުކުރުން އަދި ހިންގުންތެރިކަން ހަރުދަނާކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުމަކީ އިންސާނީ ހައްގުތަކާއި، މިންތީގެ ހަމަހަމަކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ތަރައްގީގެ 2030 އެޖެންޑާ ހާސިލުކުރުމަށް ރާއްޖެއިން ކުރިއަށްދާނެ ހަރުދަނާ މަގުޗާޓެއް ކަމަށެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް