އީރާނުގެ އިގުތިސާދު އެއްކޮށް ފުނޑާލުމުގެ މަގުސަދުގައި، އެމެރިކާއިން އެ ގައުމާ ދެކޮޅަށް "އިކޮނޮމިކް ޑީ-ޑޭ" ގެ ނަމުގައި ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިއަދު އިއުލާންކުރެއްވި މި ފިޔަވަޅުތަކުގެ އަމާޒަކީ އީރާނަށް އާމްދަނީ ލިބޭ ހުރިހާ މަގުތަކެއް ބަންދުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި ފެށި މި ހަރަކާތުގެ ދަށުން، އީރާނާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރު ގައުމުތަކާއި، މާލީ އިދާރާތަކާއި، ކުންފުނިތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެއެވެ. ބެސެންޓް ވިދާޅުވި ގޮތުގައި، އީރާނަށް ފައިސާ ދޮވުމުގެ އަމަލުތައް ހިންގައިދޭ ކޮންމެ ފަރާތެއް އެމެރިކާ ޑޮލަރުގެ ނިޒާމުން ބޭރުކުރާނެއެވެ.

އަލަށް އިއުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރާ ދާއިރާތަކުގެ ތެރޭގައި ޑިޖިޓަލް އެސެޓް، ރަން، އޭވިއޭޝަން، ޓެކްނޮލޮޖީ އަދި ޝިޕިން ހިމެނެއެވެ. މީގެ އިތުރުން، އީރާނުގެ ތެޔޮ ގަތުމާއި އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް މި ފިޔަވަޅުތަކުގެ އަސަރު ކުރާނެ ކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. "ފައިނޭންޝަލް ޓައިމްސް" ގައި ޝާއިއުކުރި ލިޔުމެއްގައި ބެސެންޓް ވަނީ މިއީ ދުޝްމަނަކާ ދެކޮޅަށް މިހާތަނަށް ފަށާ އެންމެ ބޮޑު މާލީ ހަމަލާ ކަމަށް ސިފަކުރައްވައިފައެވެ.

މި ފިޔަވަޅުތައް އިއުލާންކޮށްފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ހަ މަސް ވާން ގާތްވެފައި ވަނިކޮށެވެ. ބެސެންޓް ފާހަގަކުރެއްވި ގޮތުގައި، މިއީ އަސްކަރީ ހަމަލާތަކަކާ ނުލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނަށް އިގުތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ އާ ސިޔާސަތެކެވެ. މިހާރު ވެސް އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބްލޮކޭޑްކޮށް، ކަނޑުމަގުން ކުރާ ވިޔަފާރިތަކަށް ހުރަސްއަޅަމުންނެވެ.

އީރާނާ އެކު ގުޅުން ބާއްވާ ގައުމުތަކުން އެ ގުޅުންތައް ކަނޑާލުމަށް އެމެރިކާއިން ވަނީ އަންގައިފައެވެ. އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރިޒާއީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފިޔަވަޅުތަކުގައި ބައިވެރިވާ ކޮންމެ ގައުމަކީ އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާ ގައުމެއް ކަމަށް ބަލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.