ރާއްޖޭގެ އެންމެ ބޮޑު ވަގުފު އިމާރަތް "ދާރުއްސަލާމް"ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން، އިސްލާމީ ދާއިރާއަށް ދެމެހެއްޓެނިވި މާލީ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ފައިނޭންސިން މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެން ހިންގާ މަޝްރޫއެކެވެ.
244 މިލިއަން ރުފިޔާގެ އެ މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފައިވަނީ 24 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މަސައްކަތް ނިމުމަށްފަހު އިތުރު ފަސް އަހަރު ދުވަހަށް އެ އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާވެސް ހަވާލުކޮށްފައިވަނީ އާރްސީސީއާއެވެ.
އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނި ގޮތުގައި އަމީން އެވެނިއު ކުރިމަތީގައި އޮންނަ ޕްލޮޓް ނަންބަރު 11646 ގައި ހަދާ އެ އިމާރާތަކީ 13 ފަންގިފިލާއަށް ތަރައްގީކުރާ އިމާރާތަކެވެ. އެތަން ހަދަނީ ހުރިހާ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.
އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ރިސެޕްޝަނާއި ޕާކިން ހިމެނޭއިރު، އިމާރާތުގައި އިތުރު ޕާކިން ޖާގަތަކާއި، ޒަމާނީ އޮފީސް ޖާގަތަކާއި، ކޮންފަރެންސް ހޯލެއްގެ އިތުރުން މީޓިން ރޫމުތަކާއި ނަމާދުކުރާ ތަންތަން ހިމެނޭކެމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން ޑޭ ކެއާ ސެންޓަރަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ އެކްސެސްއާއި، ލިފްޓުގެ ހިދުމަތް އަދި ރޫފްޓޮޕްގައި އޯޕަން ޓެރަސްއެއްވެސް ތަރައްގީކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ އެ އިމާރާތް ބޭނުންކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ. އަދި އެ އިމާރާތުން ލިބޭ އާމްދަނީގެ ތެރެއިން 80 ޕަސަންޓް އިސްލާމިކް ވަގުފު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 20 ޕަސަންޓް ހާއްސަ ކުރާނީ ރާއްޖޭގެ ޒަކާތު ހައުސްއަށްކަމަށް މިނިސްޓްރީން ބުނެފައިވެެއެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް