ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ބޭރު ފައިސާގެ ލޯނުތައް މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އިތުރުވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބޭރު ފައިސާއިން ދޫކުރާ ލޯނުތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށައިފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ދޫކުރާ ލޯނުތައް އިތުރުވާ މިންވަރު، އަހަރުން އަހަރަށް ބަލާއިރު ހުރީ 18 ޕަސެންޓުގައެވެ. އަދި އޭގެ ފަހުން، މިއަހަރުގެ ޖޫން މަހު މި ނިސްބަތް ހުރީ 12 ޕަސެންޓުގައެވެ. މިއީ ރާއްޖޭގެ އިގުތިސާދުގެ މުހިންމު ދާއިރާތަކުގައި ފައިނޭންސިން ހަރަކާތްތައް އިތުރުވެފައިވާ ކަމުގެ ނިޝާނެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އަމިއްލަ ފަރާތްތަކަށް ދޫކުރާ މި ލޯނުތަކުގެ ބޮޑު ބައެއް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބޭރު ފައިސާއިން ފައިނޭންސިން ލިބޭ މިންވަރު އިތުރުވުމަކީ، ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ސިނާއަތް އިތުރަށް ފުޅާކުރުމަށާއި އިންވެސްޓްމަންޓްތަކަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.