މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް، ޓޫރިޒަމް ސިނާއަތުން ރާއްޖޭގެ އިގުތިސޯދަށް ލިބުނު ބޭރު ފައިސާ އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފިއެެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހު ދުވަހު ފެށުނު ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ މުހިންމު ޓްރާންސިޓް ހަބްތައް ބަންދުވެ، ދަތުރުފަތުރުގެ އަގު ބޮޑުވުމާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓުންގެ ޖުމްލަ އަދަދު ހަ ޕަސެންޓް ދަށްވެފައިވާ އިރު، ޖުލައި މަސް ހިމަނައިގެން ބަލާއިރު އެ އަދަދު ހުރީ ފަސް ޕަސެންޓް ދަށުގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެންއޭއިން ބުނީ، ޔޫރަޕާއި އުތުރު އެމެރިކާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، އާ މާކެޓްތަކަށް ރާއްޖެ ޕްރޮމޯޓްކޮށް ފްލައިޓް ކަނެކްޓިވިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު ބަދަލުތަކާ އެކު ޓޫރިޒަމް ސިނާއަތުން ބޭންކިން ނިޒާމަށާއި ރާއްޖޭގެ ރަސްމީ ރިޒާވަށް ޑޮލަރު ވަނީ އިތުރުވެފަ އެވެ. މި ކަމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ބޭންކުތަކުން ދޫކުރާ ޓީޓީ ސަޕޯޓަށް އެހީތެރިވުމުގެ ގޮތުން، އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދުވެސް އިތުރުކޮށްފަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 4.5 ޕަސެންޓް ދަށް އަދަދެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.