ދުނިޔޭގެ ފުރަތަމަ އަންހެން ކުދިންގެ ލޫނާ ސެޓެލައިޓް މިޝަން ކަމަށްވާ "މިޝަން ޝަކްތީސެޓް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.
އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ސްޕޭސް ކިޑްޒް އިންޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ ހަރަކާތަކީ 108 ގައުމަކުން 12،000 އަންހެން ކުދިންނަށް ސައިންސާއި ޓެކްނޮލޮޖީ އަދި ޖައްވީ ހޯދުންތަކުގެ ދާއިރާއިން ތަމްރީނު ދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ރާއްޖެ ތަމްސީލުކުރައްވާނީ، މިޝަން ޝަކްތީސެޓްގެ މޯލްޑިވްސް އެމްބެސެޑަރުގެ ގޮތުގައި ދާދިފަހުން އައްޔަން ކުރެއްވި، މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަދި އަންހެނުން ބާރުވެރިކުރުވުމަށް ވަކާލާތުކުރައްވާ މިންހާ ފާއިޒު ރަޝާދު (މިންނު)އެވެ.
އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، އޮންލައިންކޮށް ދެވޭ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް) ތައުލީމާއި ސެޓެލައިޓް އިންޖިނިއަރިންގެ އަމަލީ ތަޖުރިބާ ގުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިޝަން ޝަކްތީސެޓް ކުރިއަށްދާނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ 21 މޮޑިއުލްގެ މައްޗަށް އެކުލެވޭ ހާއްސަ މަންހަޖެކެވެ. މީގެ ތެރޭގައި ފިޒިކްސް، ހިސާބު، ކޯޑިން، ސެޓެލައިޓް ޓެކްނޮލޮޖީ، ޕްރޮޕަލްޝަން ސިސްޓަމްސް، ޕީސީބީ ޑިޒައިން އަދި އޯބިޓަލް މެކޭނިކްސް ފަދަ މުހިންމު މައުލޫއުތައް ހިމެނެއެވެ.
އިންޑިއާގެ ޖައްވީ އިދާރާ (އިސްރޯ) ގެ އިންސްޕޭސް މެދުވެރިކޮށް އެކްރެޑިޓްކޮށްފައިވާ މި ޕްރޮގްރާމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ވެސް 7،800 އަށްވުރެ ގިނަ ކުދިން ވަނީ ރަޖިސްޓަރީކޮށްފައެވެ. މި މަރުހަލާގައި ދަރިވަރުންނަށް ބޭނުންވާ އިލްމީ މައުލޫމާތު ފޯރުކޮށްދެނީ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ދެވަނަ ފިޔަވަހީގައި، ޕްރޮގްރާމުގައި ބައިވެރިވާ 108 ގައުމުގެ ތެރެއިން ކޮންމެ ގައުމަކުން އެއް ކުއްޖަކު ހޮވައި، އިންޑިއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ އަހަރުގެ އޮގަސްޓު މަހުގެ 23 އިން ސެޕްޓެމްބަރު މަހުގެ 2 އަށް އިންޑިއާގައި ކުރިއަށްގެންދާ މި އަމަލީ ތަމްރީނު ޕްރޮގްރާމުގައި ހޮވޭ ދަރިވަރުން، އެ ގައުމެއްގެ އެމްބެސެޑަރާ އެކު ބައިވެރިވެ، ސެޓެލައިޓް ފަރުމާކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެއެވެ. މި މަސައްކަތްތަކަށްފަހު، ދުނިޔޭގެ ތިރީ އޯބިޓަށާއި އަދި ފަހުން ހަނދަށް ސެޓެލައިޓް ފޮނުވުމަށް ވަނީ އަމާޒު ހިފައިފައެވެ.
މި ޕްރޮގްރާމް ހިންގާ ސްޕޭސް ކިޑްޒް އިންޑިއާއަކީ ދަރިވަރުންނަށް އަމާޒުކޮށްގެން ޖައްވީ މިޝަންތައް ހިންގުމުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ ޖަމިއްޔާއިން ވަނީ 27 އަށްވުރެ ގިނަ ކާމިޔާބު ލޯންޗުކުރުންތައް ކުރިއަށްގެންގޮސްފައެވެ.
އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓް ކަމަށްވާ "ކަލާމްސެޓް" އަދި އިންޑިއާގެ ފުރަތަމަ އަންހެން ކުދިންގެ ސެޓެލައިޓް މިޝަން "އާޒާދީސެޓް" ހިމެނެއެވެ. މި ކާމިޔާބީތަކުގެ އަލީގައި، ޝަކްތީސެޓް ވެގެންދާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އަންހެން ކުދިންނަށް އާ އުއްމީދުތަކެއް ގެނެސްދޭނެ މިޝަނަކަށެވެ.
އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިޝަން ޝަކްތީސެޓްގެ މަގުސަދަކީ ހަމައެކަނި ސައިންސް އުނގަންނައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، ލީޑާޝިޕް ހުނަރު ތަރައްގީކުރުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުން އިތުރުކުރުމާއި، ސަގާފީ ބަދަލުތައް ގެނައުމުގެ އިތުރުން، މުސްތަގުބަލުގެ ސައިންސްވެރިންނާއި އިންޖިނިއަރުންގެ ގޮތުގައި އަންހެން ކުދިން ކުރިއަށް ދިއުމަށް ހިތްވަރުދިނުން ހިމެނެއެވެ.
މި ހަރަކާތަށް ބައިނަލްއަގުވާމީ ގިނަ ފަރާތްތަކެއްގެ ތާއީދު ލިބިފައިވާ އިރު، އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މީނާކްޝީ ލޭކީ ހުންނެވީ މިޝަންގެ ގްލޯބަލް ޕެޓްރަން ޑީ އޮނަރުގެ މަގާމުގައެވެ. އަދި އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމޫ ވެސް ވަނީ ދާދިފަހުން މި ޕްރޮޖެކްޓުގެ ޓީމާ ބައްދަލުކުރައްވައި، މި މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ.
ދިވެހި ދަރިވަރުންނަށް މިހާރު ވަނީ މިޝަން ޝަކްތީސެޓްގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިންޓިފިކް ރިސާޗް ފަދަ މުސްތަގުބަލުގެ ސިނާއަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މި ޕްރޮގްރާމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. ރަޖިސްޓަރީވުމުގެ މަރުހަލާ ކުރިއަށްދާ އިރު، މިއީ ރާއްޖޭގެ ގިނަ ދަރިވަރުންނަށް ބައިނަލްއަގުވާމީ ސްޓެމް ހަރަކާތެއްގައި ބައިވެރިވުމަށް ލިބޭ ފުރަތަމަ ފުރުސަތަށް ވެގެންދާނެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު