ޕަލާއޫގެ މިނިސްޓާ އޮފް ހިއުމަން ރިސޯސަސް، ކަލްޗާ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، ޏިގިރައިބެލަސް ތުމެތުޗުލް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރާއްޖޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ގުޅުން ބަދަހިކުރުމާއި ވުނަކުރުމުގެ ފުރުސަތުތައް، ސިޑްސް ގައުމުތަކަށް ފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޑްސް ގައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ މަސްރަހުގައި ސިޑްސް ގައުމުތަކުން ކުރާ ވަކާލާތު ވަރުގަދަކުރުމަށްޓަކައި، ޕަލާއޫއާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ދެމިއޮތްކަމަށް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުން ފެށިގެން މިއަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ހާއްސަކޮށް އެ ގައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކާއި އެހީ ފޯރުކޮށްދޭ ގައުމުތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ހިއްސާވުން އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް