ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ އަދި މިނިސްޓާ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕަނަޕާސީ ނެލެސޯނޭ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރާއްޖޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައި ކަމަށެވެ.

މި ބައްދަލުވުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި ތިމާވެށީގެ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ކްލައިމެޓް ފައިނޭންސިންއާއި، ދެމެހެއްޓެނެވި އިންވެސްޓްމަންޓްތަކުގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތްކުރާ ބައިނަލްއަގުވާމީ މާލީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސްވަނީ ރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަރުހަބާ ވިދާޅުވެ، ދޭދޭ މަސްލަހަތު އެކުލެވޭ ގޮންޖެހުންތަކުން އަރައިގަތުމުގައި ސިޑްސް ގައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދުން ފެށިގެން މިއަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ހާއްސަކޮށް އެ ގައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކާއި އެހީ ފޯރުކޮށްދޭ ގައުމުތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ހިއްސާވުން އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.