ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ.

އެގޮތުން އެމްއެމްއޭއިން ހާމަކޮށްފައިވާ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ ކަން ކުރިއަށް ގެންދިއުމަށް މަރުކަޒީ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފަހު ފުރުސަތު ދޭނެކަން ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާ ގޮތުގައި، ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ. އެގޮތުން 78 އިންސައްތަ ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މިކަން ކޮށްފައިނުވަނީ 20 އިންސައްތަ ރިސޯޓުންނެވެ. މި 20 އިންސައްތައިގެ ތެރެއިން ގިނަ ރިސޯޓުތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށް އެ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ރިޕޯޓުގެ ކެޓަގަރީ ބީގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރެއިން 48 އިންސައްތަ ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކެޓަގަރީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކުގެ އިތުރުން ހޯމްސްޓޭ ފަދަ ތަންތަނެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ 15 އިންސައްތަ ފަރާތްތަކުން ކަމަށްވާއިރު، 37 އިންސައްތަ ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، މި ތަންތަނަކީ ޖުމްލަ ގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު، ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ ސީއަށް ބަލާއިރު، 38 އިންސައްތަ ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ 33 އިންސައްތަ ވިޔަފާރިންނެވެ. އަދި މި ކެޓަގަރީގައި ހިމެނޭ 29 އިންސައްތަ ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. މި ވިޔަފާރިތަކުން ވެސް ކޮންސެޝަން ހޯދުމަށް އެދިފައިވީ ނަމަވެސް، އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި މި ފަރާތްތަކަށް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ ނަގަނީ އެމްއެމްއޭއަށެވެ. މީގެ ތެރެއިން 30 އިންސައްތަ އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާއިރު، އިސްކަންދެނީ ދިވެހި ބޭންކުތަކަށެވެ. ބޭންކުތަކަށް އަނބުރާ ދެވޭ މި 30 އިންސައްތަ ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވޭނެއެވެ.

ރިސޯޓުތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ ވިޔަފާރިތަކާއި ރައްޔިތުންނަށް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން، އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިން ވެސް ބޮޑު ބައެއް ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސް ފަދަ ބާވަތްތައް އިމްޕޯޓުކުރުމަށެވެ.