ކުނި މެނޭޖުކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި އިސްލާހުގެ ދަށުން، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ގާއިމުކުރުމާއި، އެ ތަންތަނުގައި ހުންނަންވީ މިންގަނޑުތަކާއި ރައްކާތެރިކަމާއެކު ކުނި ނައްތާލުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގައި ކަމާބެހޭ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ ހިލާފަށް ކުނި މެނޭޖުކުރުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ އާންމު ސިއްހަތަށް ނޭދެވޭ އަސަރެއް ކޮށްފި ހާލަތެއްގައި، އެ ފަރާތްތައް ޖޫރިމަނާކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަނީ ދީފައެވެ.

ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ދިނުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ތަންފީޒުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ. އަދި އިގުތިސާދީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކުގައި އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުމަކީވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހުގައި، އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލާނެ ގޮތާއި ތަންފީޒުކުރާނެ ފަރާތްތައް ބަޔާންކޮށްފައިވާ އިރު، މީހުން ދިރިއުޅޭ ރަށެއްގެ އިހުތިސޯސްގެ ތެރޭގައި ނުހިމެނޭ ސިނާއީ ރަށްރަށުގައި އުފެދޭ ކުނި، މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ.

އާންމު ވިޔަފާރިތަކާ ގުޅޭ މުހިންމު ބަދަލެއްގެ ގޮތުން، ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގި ނަމަވެސް، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއް ހިމެނޭ ކޮތަޅު ބޮނޑި ވިއްކާއިރު ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިން ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓުމަކަށް އަންނާނެއެވެ. ހަމައެއާއެކު، ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުމަކީ ކުށެއް ކަމުގައި މި ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދައެއް ނެތި ނުރައްކާތެރި ކުނި ރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުންވެސް ވަނީ މަނާކޮށްފައެވެ.

މި ބިލު ރައީސް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ގުޅުންހުރި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، އަލަށް ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.