އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ޕެޓިޝަނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ލަފާ ހޯދަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
އެ ބިލާ ބެހޭގޮތުން ފުރަތަމަ ސޮއިކުރަން ފެށި ޕެޓިޝަނަކީ، މި ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށްބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަނެކެވެ. ސ. މަރަދޫ، އައްސޭރި، މިދުއަމް ސައުދު މިމަހުގެ ހަތްވަނަ ދުވަހު ސޮއިކުރަން ހުޅުވައިލި މި ޕެޓިޝަނުގައި 2307 މީހުން ވަނީ ސޮއިކޮށްފައެވެ.
ދެވަނަ ޕެޓިޝަނަކީ، ސ. މީދޫ، ބިނާ، މުހައްމަދު ޝާތިރު މިމަހު 16 ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ވަނީ އެ ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާހަކަށް ވާތީ ހުށަހެޅިފައިވާ ގޮތަށް އެ އިސްލާހު ފާސްކޮށްދިނުމަށް ގޮވާލައިފައެވެ.
ތިންވަނަ ޕެޓިޝަނަކީވެސް، ހުށަހެޅިފައިވާ ގޮތަށް އެ ބިލު ފާސްކޮށްދިނުމަށް ގޮވާލައި މިމަހު 18 ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނެކެވެ. މާލެ، ސަންފާ މަންޒިލް، އަލީ ނަބީލް ހުށަހެޅި މި ޕެޓިޝަންގައި 10150 މީހުން ވަނީ ސޮއިކޮށްފައެވެ.
މި ހުރިހާ ޕެޓިޝަކަށްވެސް ވަނީ މަޖިލީހުގައި ބަހުސް ކުރަން ބޭނުންވާ އަދަަދަށް ސޮއި ހަމަވެފައެވެ. އެހެންކަމުން މި ޕެޓިޝަންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި، މި ޕެޓިޝަންތަކަށް އެލްޖީއޭގެ ލަފައާއި ލާމަރުކަޒީ ކޮމިޓީގެ ލަފާ ހޯދަން ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ. ތާއީދު ކުރެއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީލް މުހައްމަދެވެ.
ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީ
ކޮމެންޓް