ގދ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށްގެންދާ "އާބާދީ 60" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ.
ދެ ރައީސުން ތިނަދުއަށް ފައިބައިވަޑައިގަތުމާއެކު، ރަށުގެ ރައްޔިތުންނާއި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ އިތުރުން ކައުންސިލްގެ މެންބަރުން ވަނީ ބަނދަރު މަތިން އެ ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދަތުރުގެ ތެރެއިން ދެ ރައީސުން ވަނީ މިރޭ އެ ރަށުގައި އޮތް ހާއްސަ ސަގާފީ ޝޯ ބައްލަވާލައްވާ، ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ތިނަދޫ އަލުން އާބާދުވި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ރޭ ފެށި އެ އިވެންޓްތަކުގެ ތެރެއިން މިއަދުވެސް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 60 ގަސް އިންދުމާއި، އާއިލީ ހަވީރެއްގެ އިތުރުން ތާރީހީ ހަނދާންތަކާ ގުޅުވައިގެން ބޭއްވި ފެތުމުގެ ހާއްސަ ހަރަކާތެއް ހިމެނެއެވެ.
އެ ފެތުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތިނަދޫން ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަފެނާއާ ދެމެދުގައެވެ.
ދެކުނު ގަޑުބަޑުގައި "ޔުނައިޓެޑް ސުވާދީބް އައިލެންޑްސް" ރޫޅާލުމަށް، އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އަމުރަށް ތިނަދޫ ސުންނާފަތިކޮށް، މީހުން ބާލައި ފަޅުކުރީ 1962 ގައެވެ. އެ ހާދިސާގައި ކަނޑުމަތީގައާއި އެކި ގޮތްގޮތުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔައިރު، ރައްޔިތުންނަށް އަލުން އެނބުރި ރަށަށް އާދެވުނީ 1966 ވަނަ އަހަރުއެވެ.
އެ ހާދިސާއާ ގުޅިގެން ހިންގި އިންސާނީ ހައްގުތަކާ ހިލާފު ކަންކަން ބެލުމަށް ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި އިންތިގާލީ އިންސާފުގެ އޮފީހުން އަޑުއެހުންތަކެއް ބޭއްވި ނަމަވެސް، އެ މަސައްކަތުގެ ރަސްމީ ރިޕޯޓެއް އެކުލަވާނުލެވި އެ އޮފީހުގެ ދައުރު ވަނީ ހަމަވެފައެވެ.
މުހައްމަދު އިޝާން
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ކޮމެންޓް