އީރާނާ ދެކޮޅަށް ދެންއޮތީ އިގްތިސާދީ ހަގުރާމައެއް ކަމަށް ބުނުމާއެކު ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުދަދުވަހު މި ހަގުރާމައިގެ ގޮތާއި ބާވަތް އިއުލާނު ކޮށްފައެވެ. އޭނާގެ ބަހުރުވައިންނަމަ މިއީ އިކޮނޮމިކް ޑީ ޑޭއެކެވެ. ޓްރަމްޕު ގަބޫލުކުރާ ގޮތުން މިއީ އިގްތިސާދީގޮތުން އީރާނު ފުނޑުފުނޑު ވެގެންދާނޭ އޮޕަރޭޝަނެކެވެ. މިއީ ކޮންޒާތެއްގެ އޮޕަރޭޝަނެއް ބާވައެވެ. މީގެކުރިން ނުކުރާ ކަންކަމާއި ނާޅާ ފިޔަވަޅުތައްވެސް މީގެތެރޭގައި ހިމެނޭ ބާވައެވެ. ބަލައިލަމާ ބަހީއެވެ. ޓްރަމްޕާއި އޭނާގެ ޓީމުން ފަރުމާކޮށްފައިވާ މި އޮޕަރޭޝަނަކީ އަސްކަރީ އޮޕަރޭޝަން ހުއްޓައިލުމަށްފަހު އިގްތިސާދީ ހުރިހާ ދިމާލަކުން އީރާން މުޅިން އެކަހެރިކޮށްލުމަށް އަމާޒުހިފެވޭ ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ. އެޒާތުގެ ފިޔަވަޅުތަކުގެ އޮޕަރޭޝަނެކެވެ. މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކާ ދެކޮޅަށް އެމެރިކާއިން ހިންގާފައިނުވާ ޒާތުގެ ފުޅާ އޮޕަރޭޝަނެކެވެ. އުތުރުކޮރެޔާއާ ދެކޮޅަށްވެސް ނުހިންގާ ކަހަލަ އޮޕަރޭޝަނެކެވެ.
އިގްތިސާދީ ގޮތުން އީރާނާ މުއާމަލާތުކުރާ ކޮންމެ ގައުމެއްގެ މުދަލުން ފަންސަވީސް އިންސައްތައިގެ ޓެކުހެއް ނެގުމަކީ ފުރަތަމަ ފިޔަވަޅެވެ. ބޭންކިން ސެކްޓަރާއި ޓޫރިޒަމް ސެކްޓަރާއި ހަކަތައިގެ ސެކްޓަރާއި މިހެންގޮސް އީރާނަށް އިގްތިސާދީގޮތުން ލުޔެއް ލިބިދާނޭ އެއްވެސް ކަމެއް އެއްވެސް ގޮތަކުން ހިންގައިފިނަމަ އެއޮތީ އެގައުމަކާ ދެކޮޅަށް ފަންސަވީސް އިންސައްތައިގެ ޓެރިފް އެކްޓިވޭޓް ވެފައެވެ. އެއީ އެގައުމެއްގެ އަމިއްލަ ކުންފުންޏަކުން ހިންގި ކަމެއް ކަމުގައިވިޔަސް ފިޔަވަޅު އަންނާނީ ސީދާ އެގައުމަކަށެވެ. އީރާނުގެ ތެލާއި ގޭސް ގަތުމާއިި އެތެރެކުރުން ހަމަކޮންމެ ގައުމަކުންވެސް ހުއްޓާލަން ޖެހެއެވެ. އެއްވެސް ގައުމެއްގެ ފައިސާއެއް އީރާނުގެ ފައިސާޔަށް ބަދަލުކުރުންވެސް މަނަލެވެ. މިކަންކަން ބަލަމުން ތަންފީޒު ކުރަމުންދާނީ އެމެރިކާގެ މާލީ ވުޒާރާއިންނެވެ. އެފަރާތުން ކަނޑައަޅާފައިވާ އަމާޒަކީ އެއްވެސް ގޮތަކުން އެއްވެސް ކަހަލަ ބޭރުފައިސާއެއް އީރާނަށް ލިބުނަ ނުދިނުމެވެ.
މަތީގައި ބަޔާން ކުރެވުނު ފަންސަވީސް ޕަސަންޓް ޓެރިފުގެ އިތުރަށްވެސް އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނޭ ކަމަށް ޓްރަމްޕު ވަނީ ބުނެފައެވެ. އީރާނާއެކު މުއާމަލާތު ކުރާ ކޮންމެ ބަޔަކަށް ވޭންދެނިވި އަދަބު ލިބޭނޭކަން ދަންނަންވާނޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ކޮންމެއަކަސް ޓްރަމްޕު އެބުނާ އިކޮނޮމިކް ޑީ ޑޭއަކުން ނުކުންނަ ނަތީޖާއަކީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އަދި މަލްޓިނޭޝަނަލް ކޮންމެ ކުންފުންޏަކަށްވެސް އިޚުތިޔާރެެއް ދިނުމެވެ. އެއްގޮތަކީ އެމެރިކާޔާއެކު ވިޔަފާރި ކުރުމެވެ. އަނެއްގޮތަކީ އީރާނާއެކު ވިޔަފާރި ކުރުމެވެ. މި ދެގޮތުންކުރެ އިޚުތިޔާރު ކުރަންޖެހެނީ ކޮންމެވެސް އެއްގޮތެކެވެ. އެހެންޏާ އެމެރިކާއެވެ. އެހެންޏާ އީރާނެވެ. އެއްފަހަރާ މިދެބައި މީހުންނާ މުއާމަލާތު ކުރުމުގެ ދޮރު ބަންދުވީއެވެ. ދެންވާނީ ކިހިނެއް ބާވައެވެ. އެމެރިކާއާއެކު ވިޔަފާރި ކުރަން ބޭނުންވާ އެންމެން އީރާނާ ދުރަށް ޖެހިލާނެ ބާވައެވެ. ނުވަތަ ޓްރަމްޕު އެއްޗެކޭ ބުނިކަންވެސް ނުދެނަތިބި ކަމަށް ހަދައިގެން ދެންވެސް މިދެގައުމާއެކު ވިޔަފާރީގެ މުއާމަލާތު ހިންގާނީ ބާވައެވެ.
ގައުމުތަކުން އަމަލުކުރާ ގޮތް ބިނާވާނީ އެގައުމަކުން އީރާނާއެކު ހިންގާ މުއާމަލާތުގެ މިންވަރާއި އެގައުމެއްގެ އާރާއިބާރުގެ މައްޗަށެވެ. އީރާނުގެ ތެލުގެ އެކްސްޕޯޓުގެ 80 އިންސައްތަ ގަންނަނީ ޗައިނާއިންނެވެ. ފައިސާ ދައްކަނީ ޗައިނާގެ ފައިސާކަމަށްވާ ޔުއާނުންނެވެ. އީރާނުގެ އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރަކީ ޗައިނާއެވެ. ޗައިނާއަކީ އެމެރިކާގެވެސް އެންމެ ބޮޑު ޓްރޭޑް ޕާޓްނަރެވެ. ޓްރަމްޕު ކޮންމެ އިންޒާރެއް ދިނަސް ޗައިނާއިން އީރާނު ދޫކޮށެއް ނުލާނެއެވެ. ދޫކޮށެއްވެސް ނުލެވޭނެއެވެ. ދޫކޮށްނުލައިގެން ޗައިނާއާ ދެކޮޅަށް ޒާތްޒާތުގެ ފިޔަވަޅުތައް އަޅާކަށް ނުވެސް ކެރޭނެއެވެ. ދުނިޔޭގެ ވިޔަފާރި ގަޑުބަޑު ވެދާނެތީއެވެ. އެމެރިކާއަށް އޭގެ ގެއްލުން ބޮޑުވާނެތީއެވެ. އެހެންވީމާ ޗައިނާއިން އަމަލުކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕު އެއްޗެކޭ ބުނިކަންވެސް ނޭގޭކަމަށް ހަދައިގެން ތިބުމެވެ. ދެބައިމީހުންނާވެސް މުއާމަލާތު ކުރަމުން ދިއުމެވެ.
ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުގައި އީރާނުން ބޭނުންކުރާ އެންމެ ބޮޑު ހަބަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަމަށްވާއިރު އެގައުމުގެ ސިޔާސަތު ވަރަށް ބޮޑަށް ތަފާތު ވާނެއެވެ. އެމެރިކާއިން ބުނީމާ ބުނިގޮތަކަށް އަމަލުކުރުން ނޫން އެހެން ގޮތެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކަށް ނޯންނާނެއެވެ. އެހެންވީމާ ވިޔަފާރީގެ މައިދާނުގައި އީރާނާއެކު މުއާމަލާތު ކުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ހުއްޓާލާނެ ކަމަށް ބެލެވެއެވެ. އީރާނާއެކު ދެން ވިޔަފާރީގެ މުއާމަލާތު އެންމެ ބޮޑަށް ހިންގާ ދެގައުމަކީ ތުރުކީވިލާތާއި ޕާކިސްތާނެވެ. އެއީ އީރާނާ އިންވެގެންވާ ދެގައުމެވެ. ބޮޑަށް ގަބޫލު ކުރެވެނީ އެއިން އެއްވެސް ގައުމަކުން އީރާނާ ދުރަށް ނުޖެހޭނެ ކަމުގައެވެ. ދުރަށް ޖެހެވެން ނެތުމުންނެވެ. އެމެރިކާއަކަށްވެސް އެއިން ގައުމަކާ ދުރަށް ޖެހިލެވޭކަށް ނެތެވެ. އެގައުމުތަކުގެ މުހިންމުކަން އެމެރިކާއަށް ބޮޑުކަމުންނެވެ. އެހެންވީމާ ޓްރަމްޕާއި އޭނާގެ މާލީވަޒީރު ހަދާނޭ ކަމަށް ފެންނަ ގޮތަކީ ފެންނަ މަންޒަރު ނުފެންނަ ކަމަށް ހެދުމެވެ. އިވޭ އަޑުތައް ނީވޭކަމަށް ހެދުމެވެ. އެހެންނޫނީ މިކަމުން އީރާނަށް ލިބެންއޮތް ގެއްލުމަށްވުރެ އެމެރިކާއަށް ލިބޭ ގެއްލުންތައް ބޮޑުވެދާނެތީއެވެ.
އީރާނާއެކު މުއާމަލާތުކުރާ ހުރިހާ ގައުމަކަށް ދަތިކުރަން އުޅުމަކީ އަމިއްލަޔަށް ވޭން ލިބިގަތުމެކެވެ. ޓްރަމްޕު ބުނާހާ ގޮތަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން އަމަލު ނުކުރާނޭ ކަމާއި ނުވެސް ކުރެވޭނޭކަން އޭނާއަށް އެނގޭނެއެވެ. މިކަން މިހެން އޮތުމުން އީރާނުން ވަނީ ޓްރަމްޕަށް އެކަން ހަނދާންވެސް ކޮށްދީފައެވެ. އާޚިރުގައި މިފަހަރުވެސް ބަލިވާނީ އެމެރިކާ ކަމަށް އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ޓްރަމްޕުގެ މަގުސަދަކީ އިގްތިސާދީ ހަގުރާމައޭ ކިޔައިފައި އަދި އެހެން އެއްޗެކެވެ. އޭނާގެ އަސްލު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް އީރާނާއި އޮމާނުން އެކުލަވައިލި އެއްބަސްވުމުން އޮމާން ވަކިވާން މަޖުބޫރު ކުރުމެވެ. އެކަން ކުރެވެނިކޮށް އެހެން ގައުމުތަކުން ކިތަންމެ ވިޔަފާރިއެއް އީރާނާއެކު ކުރިއަސް އޭނާއަށް ފަރުވާލެއް ނެތެވެ. ދެންއޮތީ މިކަމުގައި އޮމާން އަމަލުކުރާނެ ގޮތް ބަލަން ތިބުމެވެ. އޮމާނުންވެސް ކަންކަން ކުރާނޭ ކަމަށް ބެލެވެނީ ހިސާބު ޖަހައިފައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް