ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން، އަޑިއާލާ ޖަލުން އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް މިއަދު ބަދަލުކޮށްފިއެވެ.

އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރީ، ސިއްހީ ހާލަތު ގޯސްވަމުންދާތީ ހޮސްޕިޓަލަށް ބަދަލުކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި އަމުރަކާ ގުޅިގެން ކަމަށް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނެފައިވެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިމްރާން ހާންގެ ސިއްހީ ހާލަތު ގޯސްވެ، ކަނާތު ލޮލުގެ ފެނުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާގެ އާއިލާއާއި ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ވަގުތުން ފަރުވާދޭން ޖެހޭ ފަދަ ސިއްހީ މައްސަލައެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ 48 ގަޑިއިރުގެ ތެރޭގައި އިމްރާން ހާން ހޮސްޕިޓަލަށް ބަދަލުކުރުމަށާއި، އޭނާގެ އަމިއްލަ ޑޮކްޓަރު ހިމެނޭ ގޮތަށް މެޑިކަލް ޕެނަލެއް އެކުލަވައިލުމަށް އަންގައިފައެވެ. ޕީޓީއައިގެ ތަރުޖަމާނު ޒުލްފިގާރު ބުހާރީ ބުނި ގޮތުގައި، ކޯޓުގެ އަމުރާ އެއްގޮތަށް އިމްރާން ހާން މިހާރު ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އުމުރުން 73 އަހަރުގެ އިމްރާން ހާން ޖަލަށް ލާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް އިމްރާން ހާން ވިދާޅުވި ނަމަވެސް، ޕާކިސްތާނު ސަރުކާރުން އެކަން ދޮގުކުރެއެވެ.