ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާ މާރުކުރުމުގެ ވިޔަފާރި (މަނީ ޗޭންޖިން) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭއިން މިރޭ ބުނީ އެ ފިޔަވަޅު އަޅާފައިވަނީ ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެ ކުންފުނިން ވިޔަފާރި ކުރަމުންދާ ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މަނީ އެކްސްޗޭންޖުތަކައް އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް ޑޮލަރުގެ މުއާމަލާތް ހިންގާ ފަރާތްތަކާ މެދު، ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.
ކަޅުބާޒާރުގެ ޑޮލަރު އަގުބޮޑުކޮށް ވިއްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ ފަރާތްތައް ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށްވަނީ އިސްލާހު ގެނެސްފައެވެ.
އަދި، އަގު ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ މާއްދާއެއްވެސް ކޮމިޓީން ވަނީ ހިމަނާފައެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
ކޮމެންޓް