މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް 2028 ވަނަ އަހަރު އަންނަންވާއިރަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވައި، ގިނަ ބަޔަކަށް ފުލެޓާއި ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް އަމާޒަކީ މާލެއާއި އަތޮޅުތަކުގައި ވީހާވެސް އަވަހަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ.

އަދި ސަރުކާރުން ކުރިއަށްގެންދާ ހައުސިން އެއްވެސް މަޝްރޫއަކަށް ސިޔާސީ ނުވަތަ އެހެން އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ދާނީ އިންސާފުވެރިކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

."ފުލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފުލެޓް ދިނުމަށް މަސައްކަތް ކުރާނަން. އިތުރަށް ފުރުސަތު ހޯދަދައިނުމަށް ފުލެޓް އަޅައިގެން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފުލެޓު ގެއްލުނު ފަރާތްތަކަށް މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުން އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ހުޅުމާލެއާއި ވިލިމާލޭގައި ގިނަ ހައުސިން މަޝްރޫއުތަކެއް ވަނީ ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް އަޅާ 3،260 ފުލެޓާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްގީކުރާ 1،000 ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، ބީއެމްއެލްގެ ޔުނިޓުތަކުގެ އަދަދު 4،000 އަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.