އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ، އެ މަޝްރޫއު ހުއްޓިފައިވާތީ، އާ މަޝްރޫއުއެއް ފެށުމުގެ ތައްޔާރީތައް އެ ކުންފުނިން ވާން ފަށައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގައި އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގި މަޝްރޫއުގެ ތެރެއިން ހިންގި ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރައި އެ މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހުއާ އެކު އެ ކުންފުނީގެ އޭރުގެ ބައެއް ވެރިންނަށް ވަނީ ދައުވާކޮށްފައެވެ.

ޝާހުގެ އިތުރުން ދައުވާ އުފުލާފައި ވަނީ އެ ކުންފުނީގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރަކަށް ހުންނެވި ހ. ފެއަރީޕެލަސް، ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ އާއި މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް އަދި ގ. ނިލަ، އިސްމާއީލް އަދުހަމްގެ މައްޗަށެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޓީސީސީ އެ ކުންފުނީގެ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށްޓަކައި މިހަފުތާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް މުހައްމަދު ސައުދީ އާއި ކުންފުނީގެ ބައެއް އިސްވެރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރެގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އާއި އެ ކުންފުނީގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ އެ ކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔުސްވެ، ހިތާމަކުރާ ކަމެެއް ކަމަށާއި މިއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެން ވެސް ކޮށްދޭންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކުންފުނީގެ މެނޭޖުމެންޓުން ދެކޭ ކަމަށެވެ.

އެމްޓީސީސީން ބުނީ އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެ މަޝްރޫއު ކުރިއަށްގެން ދިއުމަށް ބިމެއް ހަމަޖައްސައިދެއްވުމަށް ދެންނެވުމުން، ރައީސް މުއިއްޒު ވަނީ އެ ކަމަށް އިޖާބަދެއްވައި އެމްޓީސީސީއަށް ބިމެއް ހަމަޖައްސައިދިނުމަށް އެޗްޑީސީއަށް ސިޓީފުޅަކުން ދަންނަވައިފައި ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒަކީ ބިން ހަމަޖެހުމާ އެކު މި މަޝްރޫއު ވީހާ ވެސް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.