އެސްޓަން ވިލާގެ އިންގްލެންޑް ޑިފެންޑަރު އެޒްރީ ކޮންސާ ގެންދަން އާސެނަލުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ކޮންސާ ގެންދަން އާސެނަލާއި ވިލާއިން އެއްބަސްވީ 50 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ހަފުތާވެސް އާސެނަލުން ކޮންސާ ގެންދަން މަޝްވަރާކުރި ނަމަވެސް، ނޫސްތައް ބުނީ އެފަހަރު އަގަކަށް އެއްބަސްވެފައި ނުވާ ކަމަށެވެ. އެފަހަރު ކޮންސާއަށް އެއްބަސްވުމަކަށް އާދެވިފައިނުވުމާއެކު އާސެނަލުން ބަޔާން ލެވަކޫސަންގެ ޖެރެލް ކުއަންސާ ހޯދަން މަސައްކަތް ކުރި ކަމަށްވެސް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނީ މިހާރު އާސެނަލާއި ވިލާއިން އަގަކަށް އެއްބަސްވެފައިވާ ކަމަށާއި، ކޮންސާ މިހާރު މެޑިކަލްއަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮންސާ ވިލާއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ އެ ކްލަބަށް 286 މެޗު ކުޅެފައެވެ. މިދިޔަ ސީޒަނަކީ ކޮންސާއަށް ކާމިޔާބުވެސް ސީޒަނެކެވެ. އެގޮތުން ވިލާއަށް އޭނާ ވަނީ 48 މެޗެއްގައި ކުޅެފައެވެ. މިދިޔަ ސީޒަނުގައި ކޮންސާއާއެކު ވިލާއިން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށް ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގު މަގާމުވެސް ހޯދައިފައެވެ.

އިންގްލެންޑާއެކު ވޯލްޑް ކަޕަށްވެސް ދިޔަ ކޮންސާ، ވިލާގެ ޕްރި ސީޒަނުގައި ބައިވެރިވެފައެއް ނުވެއެވެ. އޭގެ އިތުރުން އެޓީމުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގައިވެސް ކޮންސާ ފެނިފައެއް ނުވެއެވެ. އެމެޗުން ވިލާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.