ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް ވަނީ އަންގައިފައެވެ.

އެ ނިންމުމާ މެދު ކުންފުނިތަކުން އަމަލުކުރަމުން އަންނަގޮތް ބެލުމަށްޓަކައި ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވަމަށް ވެސް ވަނީ އަންގައިފައެވެ. ޕީސީބީން ބުނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ހުރިހާ ތަންތަނަކުން ވެސް މި އެންގުމަށް އަމަލުކުރުން ލާޒިމުވާނެ ކަމަށެވެ.

މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ތެެރެއިން ކުންފުނިތައް ރައިޓް ސަައިޒް ކުރުމަށް އަޅާ ފިޔަވަޅުތަކެވެ.

އެފިޔަވަޅުތައް އަޅަން ޖެހުނީ، ސިޔާސީ މަގުސަދުތަކުގައި، ބަލައިލުމެއްނެތި ކުންފުނިތަކުގެ އިތުރުން މުޅި ދައުލަތް ހިންގުމަށް ބޭނުންނުވާ ވަރަށް މުވައްޒަފުން އިތުރު ކޮށްފައި ތިބުމުގެ ސަބަބުންނެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުންފުނިތަކަށް މުވައްޒަފުން އިތުރުވެގެން އައިގޮތް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެދެއްވިއެވެ. މިނިސްޓަރު ޒަރީރު ވިދާޅުވީ، 2018 ވަނަ އަހަރު ދައުލަތުގެ ކުންފުނި ތަކުގައި ތިބީ 18676 މުވައްޒަފުން ކަމަށެވެ. ނަމަވެސް އެއަދަދު 2019 އިން ފެށިގެން 2023 އާ ހަމައަށް އައި އިރު 100 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.

"އެގޮތުން 2023 ވަނަ އަހަރު ނިމުނު އިރު 36729 މުވައްޒަފުން ތިބ.ި މިއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު ގާތްގަނޑަކަށް 18053 ވަޒީފާގެ އިތުރުވުމެއް، އެއީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމަޔަށް. އަޅުގަނޑުމެން ވަކި ސަރުކާރެއް، ވަކި ބަޔަކު ކުރިކަމެއް ފާހަގަކުރާކަށް ނެތިން. ނަމަވެސް މި ދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41667، އެހެންވީމ،ާ 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4938 މުވައްޒަފުން." ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ފެނަކަ ހެޑް އޮފީސް ---

ރައިޓް ސައިޒް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ރާއްްޖެ އާއި ކުރިއަރާފައިވާ ގައުމުތަކުގެ ޕަބްލިކްސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ވެސް މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.

"ކުރިއަރާފައިވާ ގައުމުތަކުގައި ޕަބްލިކް ސާވިސް އެމްޕްލޯއީސްގެ ގޮތުގައި މި ތިބެނީ ވޯކިން ޕޮޕިއުލޭޝަންގެ، މިސާލަކަށް ޖަޕާނަށް ބަލާ އިރު 5.9 ޕަސެންޓް، ޕަބްލިކްސެކްޓާގައި. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު 15 ޕަސެންޓް ދައުލަތުގެ މުވައްޒަފުން ގޮތުގަ މި ތިބެނީ. ހަމަ އެގޮތަށް އެމެރިކާ ފަދަ ގައުމުތަކުގައި 15 ޕަސެންޓް ވަރު މި އުޅެނީ. އެކަމަކު އަޅުގަނޑުމެންގެ މުޅި ޕަބްލިކް ސެކްޓާގެ، ދައުލަތާއި ދައުލަތުގެ ކުންފުނިތަކުގައި އެއްކޮށް ބަލާއިރު ގާތްގަނޑަކަށް 53 ޕަސެންޓް ޕަބްލިކް ސެކްޓާގެ މުވައްޒަފުންގެ ގޮތުގަ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މުއައްސަސާތަކުގެ ހިންގުން ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށާއި، ރައިޓްސައިޒް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައިޓް ސައިޒް ކުރަން މުވައްޒަފުންތަކެއް ވަކިކުރަން ޖެހޭ ވާހަކަޔާ ގުޅިގެން މުޖުތަމައުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ. އެއް ކަންބޮޑުވުމަކީ މުވައްޒަފު ނިސްބަތްވާ ސިޔާސީ ފިކުރަކަށް ބަލައި ވަޒީފާއިން ވަކިކުރާކަމުގެ ތުހުމަތެވެ. މީގައި ހިމެނޭ އެއްމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާއިން ވަކިކުރާ މީހާއަށް ދެން އޮތް ފަރުވާއެވެ.

މި ދެ މައްސަލަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރު ސާފުކޮށްދެއްވިއެވެ. ވިދާޅުވީ، މުވައްޒަފު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން އެއްވެސް ކުންފުންޏަކަށް އަންގާފައި ނުވާނެ ކަމަށެވެ.

7 ފެބްރުއަރީ 2026: އެމްޕީއެލުގެ މުވައްޒަފުން ކަރާ ކޮންޓެއިނާއެއް ހުސްކުރަނީ --- ފޮޓޯ/އެމްޕީއެލް

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރައިޓްސައިޒު ކުރާއިރު އެއިން ކޮންމެ މުވައްޒަފަކީ ދިވެހި ރައްޔިތެއްކަން ވިސްނަން ޖެހޭ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް ވާނީ ރައްޔިތު މީހާ ހިމާޔަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ. ރައިޓްސައިޒް ކުރާނީ އެ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުންނާނީ މެކޭނިޒަމްތަކެއް ވެސް ރާވާފަ. އެއް ކަމަކީ އަޅުގަނޑުމެން ރިޑަންޑެންސީ ޕެކޭޖުގެ ތެރޭގައި އެ މީހަކު ވަޒީފާ އަދާކުރި މުއްދަތަށް ބަލާފަ، އެބަދެން ރިޑަންޑެންސީ ޕެކޭޖެއް. ރައިޓްސައިޒިން ރާވާފަ މި އޮތީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫން. އެމީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. އެގޮތުން މިހާރު މިވަނީ "ކުމެވި ފަންޑް" ކިޔާ ފަންޑެއް އުފައްދާފަ. އެއީ ވިޔަފާރިތައް އަލަށް ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ފަންޑެއް. އެގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އަޅުގަނޑުމެން މި ވަނީ އުފައްދާފަ. އެހެންވީމާ ރައިޓްސައިޒު ކުރެވޭ، ނުވަތަ ރައިޓްސައިޒް ކުރެވޭ ޕްރޮސެސްގެ ތެރެއިން ނޫނަސް ދައުލަތުގެ ވަޒީފާ އަދާކުރާ ކޮންމެ މީހަކު ވެސް އަމިއްލަ މަސައްކަތެއް ފަށްޓަން ބޭނުންވާ ނަމަ އެ ބޭފުޅަކު ޕްރޮޕޯސަލް ތަކެއް ހުށަހެޅުއްވީމަ މި ފަންޑުން ފައިސާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ފަންޑަކީ ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ގޮތެއް ހޯދައިދޭން ގާއިމުކުރި ފަންޑެއް ކަމަށް ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ފަންޑުން ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލް، ބިޒް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައްޔާރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓަރު ވިދާޅުވީ، ރައިޓްސައިޒް ކުރުމުގެ ތެރެއިން ހަމައެކަނި މުވައްޒަފު ދޫކޮށްލަނީ ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެހެން އެ ބޭފުޅަކު ދޫކޮށްލާނީކީނޫން، އެބޭފުޅަކަށް ފުރުސަތު ދޭނަން. އެ ބޭފުޅަކަށް ކާ އެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތައް، ކާން ކުރާނެ މަސައްކަތެއް އަޅުގަނޑުމެން އެ ބޭފުޅުންނަށް ފަހިކޮށްދޭނަން،" ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.