ކުޑަކުދިންނަށް ގެއްލުން ލިބޭ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފަރުމާކޮށްފައިވާ ކަމަށް ބުނެ، އެމެރިކާގެ ހަތަރު ސްޓޭޓަކުން މެޓާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކެލިފޯނިއާގެ ފެޑެރަލް ކޯޓެއްގައި ފަށައިފިއެވެ.

ކެލިފޯނިއާ، ކޮލޮރާޑޯ، ކެންޓަކީ އަދި ނިއު ޖާޒީން ހުށަހެޅި މި ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވަނީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެއަށް ދެވިހިފާ ގޮތަށެވެ. އަދި މައިންބަފައިންގެ ރުހުމަކާ ނުލައި 13 އަހަރުން ދަށުގެ ކުދިންގެ މައުލޫމާތު މެޓާއިން އެއްކުރަމުންދާ ކަމަށާއި، މިއީ އެމެރިކާގެ ފެޑެރަލް ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ސްޓޭޓްތަކުން ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ޖޫރިމަނާގެ ގޮތުގައި 1.4 ޓްރިލިއަން ޑޮލަރަށް އަރާފާނެ ކަމަށް އަންދާޒާކޮށްފައިވަނީ މެޓާއިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކެއްގައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި އަދަދަކީ ސްޓޭޓްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، ކޮންމެ ކުއްޖަކަށް ވަކިން ޖޫރިމަނާ ހިސާބުކޮށްފި ނަމަ އަރާނެ ކަމަށް ލަފާކުރެވޭ އަދަދެކެވެ.

މި ޝަރީއަތަކީ 2023 ވަނަ އަހަރު އެމެރިކާގެ 30 އަށްވުރެ ގިނަ ސްޓޭޓުން މެޓާއާ ދެކޮޅަށް ފެށި ގާނޫނީ މަސައްކަތުގެ ތެރެއިން ބައެކެވެ.

ކެލިފޯނިއާގެ އޯކްލޭންޑްގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ހިމެނެނީ ހަތަރު ސްޓޭޓެއް ނަމަވެސް، ބާކީ ހުރި ސްޓޭޓްތަކުގެ މައްސަލަތައް ފަހުގެ ތާރީހެއްގައި ކޯޓުގައި ކުރިއަށް ގެންދާނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ.

މި ތުހުމަތުތަކަށް އިންކާރުކުރަމުން މެޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޓޭޓްތަކުން ހޯދަން އެދިފައިވާ ބަދަލަކީ އެއްވެސް އަސާސެއް ނެތް، އަދި މާ ބޮޑު އަދަދެއް ކަމަށެވެ. މީގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާހިރުންނާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.