އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ދެނެގަނެވިފައިވާ ކަމަށް ޔޫއޭއީން ބުނެފިއެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ އީރާނުން ފޮނުވާލި ދެ މިސައިލް ދެނެގަނެވިފައެވެ. އަދި އެ މިސައިލްތައް އަމާޒުކޮށްފައިވަނީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ކަމަށާއި، ދެ މިސައިލް ވެސް ވެއްޓުނީ ކަނޑަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރެއިން އެއް މިސައިލް ޔޫއޭއީގެ ކަނޑުގެ ސަރަހައްދުން ބޭރަށް ވެއްޓުނުއިރު، އަނެއް މިސައިލް ވެއްޓުނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށެވެ. މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ އާންމުންގެ ފޯނުތަކަށް ވަނީ މިސައިލްގެ ނުރައްކަލެއް އޮތް ކަމުގެ އިންޒާރުގެ މެސެޖެއް ފޮނުވައިފައެވެ. ނަމަވެސް ފަހުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އާންމު ހާލަތަށް ގެނެސްފައެވެ.
މި ތުހުމަތުތައް ދޮގުކުރައްވައި އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، ޔޫއޭއީން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެކެވެ. އަދި މިފަދަ ތުހުމަތުތަކުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ސަލާމަތީ ކަންކަމަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުން ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ސަރަހައްދުގެ ގައުމުތަކަށް ގޮވާލައިފައެވެ.
މި ހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ އީރާނާއެކު ކުރާ ހުރިހާ ވިޔަފާރިއާއި މާލީ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ފިޔަވަޅު އެޅީ ސަރަހައްދީ މަސްރަހު ހޫނުވަމުންދާތީއެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް