އިންޑިއާގެ އާސާމް ސްޓޭޓްގެ ކަޒިރަންގާ ނޭޝަނަލް ޕާކް ކައިރީގައި ތަރައްގީކުރާ ލަގްޒަރީ ހޮޓަލެއްގެ މަޝްރޫއާ ދެކޮޅަށް މުޒާހަރާކުރި އިންޑިއާގެ ބިމުގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓަކު ހައްޔަރުކޮށް، ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ބަންދުކޮށްފިއެވެ.

އާސާމްގެ ފުލުހުން ޖުލައި މަހުގެ މެދުތެރޭގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އާދިވާސީ ދަރިކޮޅުގެ ހައްގުތަކަށް މަސައްކަތްކުރާ ޕްރަނަބް ޑޯލޭއެވެ. އޭނާ ހައްޔަރުކުރީ ހަޔަޓް ގްރޫޕުން ކަޒިރަންގާ ނޭޝަނަލް ޕާކް ކައިރީގައި ހަދަން ނިންމާފައިވާ ފަސް ތަރީގެ ހޮޓަލުގެ މަޝްރޫއާ ދެކޮޅަށް ޖޫން މަހުގެ ފަހުކޮޅު ބޭއްވި މުޒާހަރާތަކަކާ ގުޅިގެންނެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑޯލޭގެ މައްޗަށް ވަނީ ހުއްދަ ނެތި މަޝްރޫއު ހިންގާ ސަރަހައްދަށް ވަނުމާއި، ގައިރު ގާނޫނީ އެއްވުންތައް ބޭއްވުމާއި، ހަމަނުޖެހުން ހިންގުމުގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް ޑޯލޭ ނިސްބަތްވާ ޖަމިއްޔާއިން ބުނި ގޮތުގައި، މި ހޮޓަލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 45 އަށްވުރެ ގިނަ އާއިލާގެ ބިންތައް ގެއްލި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.

މި މައްސަލައިގައި ޖުލައި 29 ވަނަ ދުވަހު ކޯޓުން ވަނީ ޑޯލޭ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް، އޭގެ އަނެއް ދުވަހު އާސާމް ސަރުކާރުން ވަނީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެކްޓް (އެންއެސްއޭ) ގެ ދަށުން އޭނާ އަލުން ބަންދުކޮށްފައެވެ. އާސާމް ސަރުކާރުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޑޯލޭ ދޫކޮށްލައިފިނަމަ އާންމު ސަލާމަތާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ.

މިހާރުވެސް ޖަލުގައި ބަންދުކޮށްފައި ހުރި ޑޯލޭ މިނިވަންކުރުމަށް ގޮވާލައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އދ. ގެ މާހިރުން އަންނަނީ އިންޑިއާ ސަރުކާރަށް ގޮވާލަމުންނެވެ. ޑޯލޭގެ ވަކީލުން ބުނި ގޮތުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.