އީރާނުގެ ދެ ޑިޕްލޮމެޓަކު ފްރާންސުން ބޭރުކުރަން ނިންމައިފި ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޖީން ނޮއެލް ބަރޯ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަރޯ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އީރާނުގެ ދެ ޑިޕްލޮމެޓަކު ފޮނުވައިލާނެއެވެ.

މިއީ ފާއިތުވި ޖުލައި މަހުގެ 19 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ތިބޭ ފްރާންސްގެ ދެ ޑިޕްލޮމެޓަކު ހިފަހައްޓައި، އެ މީހުންނަށް ބިރުދައްކައި އަނިޔާކުރުމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރަންސޭސި ހާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އީރާނުގެ ސަލާމަތީ ބާރުތަކުން ހިފެހެއްޓި ދެ މީހުންގެ ތެރޭގައި ފަރަންސޭސި އެމްބަސީގެ ކަލްޗަރަލް އެޓާޝޭ ހިމެނެއެވެ.

އެ މީހުން އެތައް ގަޑިއިރަކަށް ހިފަހައްޓައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކަށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށް ވެސް ބަރޯ ވިދާޅުވިއެވެ. މިއީ ޑިޕްލޮމެޓިކް އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ފްރާންސުން ވަނީ ބުނެފައެވެ.

ނަމަވެސް، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަރަންސޭސި ޑިޕްލޮމެޓުންނަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.

އީރާނުން ބުނި ގޮތުގައި އެ މީހުންނާ ސުވާލުކުރީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ ދެ ޑިޕްލޮމެޓުންނަށް އެނބުރި އީރާނަށް ނާދެވޭނެ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން އިއްޔެ ވަނީ ފަރަންސޭސިވިލާތަށް އަންގައިފައެވެ.