ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާހުކުރުމަށް ޔޫތު ހަބުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ އަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކަމާބެހޭ ގާނޫނީ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް އޭސީސީއާ ގުޅިގެން 2024 ވަނަ އަހަރު "ޕަޗަސް" ކެމްޕެއިން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ހަރަދުކުރާ ގޮތް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ އުސޫލުތަކަކާއި ގައިޑްލައިންތަކެއް ތައާރަފުކޮށް، އެކަންކަމަށް އަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ރާފިއު ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކުރެވިފައިވާ އުސޫލުތައް ހަރުދަނާ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި، ރާއްޖޭގެ ކުޅިވަރުގެ ގާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި އިސްލާހުކުރެވިފައިވާ ކަމަށާއި، ކުޅިވަރުގެ ގާނޫނަށް މުހިންމު ގިނަ ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުޅުންތެރިންނަށް ލިބޭ މާލީ އަދި ސިއްހީ ކުރިއެރުންތަކަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވައިފައެވެ.

"ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސަރާ މިވަނީ ބޮޑުކުރެވި، އެއް ހަމައެއްގައި ދެވެން ފަށާފައި. ބައިނަލްއަގުވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމު ފައިސާގެ އުސޫލުވެސް މިވަނީ ރިވައިޒްކުރެވި ހަރުދަނާކުރެވިފައި. އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދީފައިވާ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅޭ ތަންތަނުގައި ހުރުން ލާޒިމު މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލު ކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކުޅިވަރުގައި ދެ ޖިންސުގެ ހަމަހަމަކަން ގާނޫނުން ގެނެވިފައިވާނެ ކަމަށާއި، ވޯލްޑް އެންޓި ޑޯޕިންގްގެ ކޯޑާ އެއްގޮތަށް މިއަހަރު އަމަލުކުރަން ފަށާފައިވާކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކުޅިވަރު އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ގަވަނަންސް ރަނގަޅުކުރުމަށާއި ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ސާފު، ދެފުށް ފެންނަ، އަދި އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި، ދިވެހި ކުޅިވަރުގެ ހައްގުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ، ސާފު، އަދި އިތުބާރު އޮތް ތަނަކަށް ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭސީސީން މިއަދު އާންމުކުރި ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް ވަނީ، މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ހަރަދުތައް ހާމަކުރުން ގާނޫނުން ލާޒިމުކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިން ފްރޭމްވޯކެއް އެކުލަވާލުމަށް ލަފާދީފައެވެ. އަދި ގަވާއިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިއުކުރުން ލާޒިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ނިޒާމު ހަރުދަނާކޮށް، މަގާމުތަކަށް ނަޒާހަތްތެރި އަދި ގާބިލު ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ރިޕޯޓުގައި ބާރު އަޅާފައިވެއެވެ. ހަމައެއާއެކު، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލާޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް ލަފާދީފައިވެއެވެ. އަދި ކުޅިވަރާބެހޭ ގާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕާފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.