ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ ގިނަވެގެން އެންމެ ސިމް ކާޑުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ބިދޭސީއެއްގެ އަތުގައި އޮތް ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެންވެސް ދެން އިތުރު ސިމެއް ލިބޭނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އެކަމަށް ކަނޑައަޅާ ހާއްސަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައިކަމަށް ނިންމާފައި ކަމަށެވެ.
ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، ގަވާއިދާ ހިލާފަށް ޖަލުތަކަށް އެތެރެކުރާ މޯބައިލް ސިމްތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހޯދައި، އެ މީހުންނާ ދެކޮޅަށް ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށްވެސް ކެބިނެޓުން ވަނީ ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމްލޭންޑް ސެކިއުރެޓީ މިނިސްޓްރީ ދަނީ މުޅިރާއްޖޭގައި "އޮޕަރޭޝަން ކުރަނގި" ހިންގަމުންނެވެ. އެ އޮޕަރޭޝަނަކީ ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީގެ 590،079 މީހުންގެ ތެރެއިން 196،024 އަކީ ބިދޭސީންނެވެ. އަދި ދިވެހިންގެ އަދަދަކީ 394،054 އެވެ.
މުހައްމަދު އިޝާން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ކޮމެންޓް