އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމައި، އެ މަޝްރޫއު ވިލަރެސްކުރާނެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރައީސް އޮފީހުން މިރޭ ވަނީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ގުޅޭގޮތުން ނިންމާފައިވާ ބައެއް ކަންކަން އާންމުކޮށްފައެވެ. ރައީސް އޮފީހުން ބުނީ އެ ނިންމުންތައް ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން، ކެބިނެޓަށް ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ކެބިނެޓުގެ އެ ނިންމުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހުލާގު އަލުން އިޔާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގުމަށާއި، އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމަށް ވަނީ ކަނޑައަޅާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އެ މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ އެ ފަންނުގެ ތަޖުރިބާ ހުރި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދުމަށް ކެބިނެޓުން ވަނީ ނިންމާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- ޕަބްލިކް ސާވިސް މީޑިއާ
ރައީސް އޮފީހުން ބުނީ އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް