"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. މި ނިންމުން ނިންމާފައިވަނީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހުގައެވެ. ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީ، އެ ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ރާއްޖެއިން "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް" ތަސްދީގުކޮށްފައިވަނީ 5 އޭޕްރީލު 2010 ގައެވެ. ނަމަވެސް، އޭގެ ފަހުން މިހާތަނަށް އައިއިރުވެސް އޭގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް މި ޕްރޮޓޮކޯލް ތަސްދީގުކުރުމަށް މީގެ ކުރިން ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މި ޕްރޮޓޮކޯލަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތައް އިތުރަށް ހަރުދަނާކޮށް، މުއާހަދާ ތަންފީޒުކުރުމުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. މި ޕްރޮޓޮކޯލްގެ ދަށުން މައިގަނޑު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ. ފުރަތަމަ ނިޒާމަކީ، ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ނިގުޅައިގަނެވިއްޖެ ހާލަތެއްގައި، ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމުމަށްފަހު، އެކަމުގެ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ދޭ ނިޒާމެކެވެ.

ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، މެންބަރު ގައުމަކުން މުއާހަދާގައި ބަޔާންކުރާ ހައްގަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތުކުރެވިއްޖެނަމަ، އެކަމާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދެއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމުމާ ގުޅިގެން، ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ދެން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ މަޖިލީހުން ގޮތެއް ނިންމުމަށް ފަހުގައެވެ.