ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިމަހުގެ 12 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ހަމަ އެދުވަހު ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

ބިލު ދިރާސާ ކުރުމަށްފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށް ރިޕޯޓު އެލުލަވާލައި އެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވީ އިއްޔެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަން ހުޅުވައިލި ފުރުސަތުގައި އެބިލް މަޖިލީހުން ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމުގެ ކުރިން އެ ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ބިލުގައި ހުރި މައްސަލައެއް އެ މެންބަރު ވިދާޅެއް ނުވެއެވެ.

ފަލާހުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާއެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލަން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމާއި ގާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ގާނޫނުގައި އޮންނަގޮތުން ކެޓަގަރީ އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި މާރުކުރަން ޖެހޭނީ އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވަނީ، އެ ފަރާރްތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ގައި ހިމެނޭ ޓޫރިސްޓް ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނާއި "ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ އިތުރުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 100 ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަން ޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ ހަތް ޕަސެންޓް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކެވެ.

ގާނޫނުގައި މިހާރު އެކަން އޮންނަނީ 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ. ނަމަވެސް މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް ބިލުގައިވެއެވެ. އަދި އެ ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ކަމަށެވެ. ނަމަވެސް މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ މަރުހަލާ ވެސް ކުރިއަށްގެންދަން ޖެެހެއެވެ.

މަޖިލީހުން ބިލު ފާސްކުރާނީ ބިލު ކޮމިޓީން ދިރާސާކޮށް ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސްކޮށް ގެންނަންޖެހޭ އިސްލާހެއް އޮތިއްޔާ ހިމަނައިގެންނެވެ.

މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށޭނީ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެ މަނިކުފާނު ބިލު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރުމުންނެވެ.